ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ޒޯން 1 ގެ ށ. އަތޮޅުގެ "ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތް" ކަނޑައަޅާފައިވާ އަގުތަކުގައި އެ ޚިދުމަތް މިއަދު ދޭން ފަށައިފިއެެވެ.
ށ. އަތޮޅަށް އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމާއެކު، މިމުހިންމު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ޒޯން 1 ގެ 3 އަތޮޅުކަމަށްވާ ހދ. ހއ. އަދި ށ. އަތޮޅުގެ ރައްޔިތުންނަށް އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ލިބިގެންދިއުމަކީ އެމްޓީސީސީއަށް ލިބިނު ވަރަށްބޮޑު ފަޚުރަކާއި ކާމިޔާބީއެއް ކަމަށް އެކުންފުނީން ބުންޏެވެ.
އަގުނަގައިގެން ރަސްމީކޮށް ޚިދުމަތް ފެށުމުގެ ކުރިން ށ. އަތޮޅުގެ ރަށްރަށަށް 30 އޯގަސްޓް 2022 ވަނަ ދުވަހުން ފެށިގެން 5 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ ނިޔަލަށް އާރް.ޓީ.އެލް ފެރީ ގެ ދަތުރުތައް ކޮށްދީފައިވަނީ މުޅިން ހިލެއެވެ. ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުމާއިއެކު، ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުން ކަމަށް އެމްޓީސީސީން ބުންޏެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކު ފެރީގެ ޚިދުމަތް ޒޯން 1 ގެ ށ. އަތޮޅުގައި އަގުނަގައިގެން ފެށުނުކަމުގައިވީނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ދަފްތަރުގައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެއެވެ.
ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލާނޭ ކަމަށްް ވެސް އެމްޓީސީސީން ބުންޏެވެ. އަދި މިއަދު (6 ސެޕްޓެމްބަރ 2022 ވަނަ ދުވަހުން ފެށިގެން) ކަސްޓަމަރުން ޓިކެޓް ބައްލަވައިގަތުމަށް ބޭނުންކުރަށްވަންޖެހޭނީ އެމްޓީސީން އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ،
ކިޔުއާރް ޓިކެޓް ބައްލަވައިގަންނަވާނެގޮތުގެ ވީޑިއޯ އާރް.ޓީ.އެލް ޔޫޓިއުބް ޗެނަލް އަދި މީސް މީޑިއާ މަންސަތަކުގައި ޝާޢިޢު ކުރެވިފައިވާނޭ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ. އަދި އާރް.ޓީ.އެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.