ޗައިނާގެ ވާވޭ ކުންފުނި ފައްސާލުމަށްފަހު އިނގިރޭސިވިލާތުން ޖަޕާނުގެ އެންއީސީ ކުންފުންޏާ އެކު 5ޖީ ނެޓްވަރކް ކުރިއަށް ގެންދިއުމަށް އެއްބަސްވެއްޖެއެވެ. ވާވޭ ގެ 5ޖީ އިނގިރޭސިވިލާތުން ފައްސާލާފައިވަނީ ގައުމީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ.

އިނގިރޭސިވިލާތުގެ މި ނިންމުން އައިސްފައިވަނީ އޮކްޓޯބަރު މަހު އިނގިރޭސިވިލާތާއި ޖަޕާނާއި ދެމެދު ސޮއިކޮށްފައިވާ އިގްތިސާދާއި ވިޔަފާރީގެ އެއްބަސްވުމުގެ އަލީގައެވެ.

މީގެ އިތުރުން އަލަށް، ދެ ގައުމުގެ ދެމެދު އަސްކަރީ ގުޅުންވެސް އައު ގޮތަކަށް ދަނީ ވަރުގަދަ ވަމުންނެވެ. ޖަޕާންގެ ވައިގެ ސިފައިން ވަނީ އިނގިރޭސިންނާއެކު އިނގިރޭސިވިލާތުގައި ތަމްރީންތައް ހަދާފައެވެ. އަދި އިނގިރޭސިން ވެސް ވަނީ ޖަޕާންގެ ހޮންޝޫ ޖަޒީރާގެ މިސާވާ ބޭސްގައި އަސްކަރީ ތަމްރީންތައް ގުޅިގެން ބާއްވާފައެވެ.

ޖަޕާނުގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި އެންޓީޓީއާއި އެންއީސީން ގުޅިގެން ވަނީ ލަންޑަންގައި މިދިޔަ އަހަރު އެމީހުންގެ ގްލޯބަލް ހެޑްކުއާޓާޒް ހުޅުވާފައެވެ. މީގެ މަގްސަދަކީވެސް ހުޅަނގުގެ ގައުމުތަކުގައި ވާވޭއަށް ގޮންޖެހުންތައް ކުރިމަތި ކުރުމެވެ.

އެންޓީޓީން ވަނީ އެންއީސީގެ 4.8 އިންސައްތަ ހިއްސާ، 604 މިލިއަން ޑޮލަރަށް ގަނެފައެވެ.