ފެނަކައިގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރުކުރަމުންދާ ކަމަށާއި އެހެނަސް އެއީ އެކުންފުނީން ފޮނުވާ އެއްޗެއް ނޫންކަމަށް އެކުންފުނީން ބުނެފިއެވެ. ފެނަކައިން ނެރެފައިވާ ނޫސްބަާނެއްގައި ބުނެފައިވަނީ އެގޮތަށް ދައުރުވާ މެސެޖްތަކަށް ކުންފުނީގެ އެންމެހައި ލޮބުވެތި ކަސްޓަމަރުން ސަމާލުވުމަށެވެ.

ފެނަކައިން މިގޮތަށް ބަޔާނެއް ނެރުނީ އެކި މުވައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރުކޮށް، ރައްޔިތުންނަށް އޮޅުވާލައި މަކަރާއި ޙީލަތް ހެދުމަށް ބަޔަކު ފަށާފައިވާ ފިނޑި މަސައްކަތް ކުށްވެރިކުރަމުންނެވެ.

"މި ކުންފުންޏަކީ މި ކުންފުނީގެ ކަސްޓަމަރުންނާ ނުހަނު ގާތުން މަސައްކަތްކުރާ ކުންފުންޏަކަށް ވީހިނދު، ކުންފުނިން ފޯރުކޮށްދޭ އެއްވެސް ޚިދުމަތަކާގުޅިގެން އެއްވެސް ބާވަތެއްގެ ޕްރޮމޯޝަނެއް ކުރިއަށް ގެންދާނަމަ، މި ކުންފުނީގެ ރަސްމީ މީސްމީޑިއާ އެކައުންޓްތަކުން، އެކަމާގުޅޭ ތަފްޞީލްތައް ކަސްޓަމަރުންނާ ޙިއްސާ ކުރަމުން ގެންދާނެކަމުގައި ދަންނަވަމެވެ. އަދި އެފަދަ އެއްވެސްކަމެއްގެ ތަފްޞީލް ހޯއްދެވުމަށް ވަކި ލިންކަކަށް ކްލިކް ކުރެއްވުމަށް ނޭދޭނެ ކަމުގައިވެސް ދަންނަވަމެވެ." އެބަޔާނުގައި ވެއެވެ.

އެބަޔާނުގައި ބުނެފައިވަނީ އެ ކުންފުނީގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ އެއްވެސް މެސެޖެއްގައި ހިމަނާފައިވާ ލިންކަކަށް ކްލިކް ނުކުރެއްވުމަށެވެ. އެފަދަ މެސެޖަކާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ، އެ ރަށެއްގައި ހުންނަ އެ ކުންފުނީގެ ބްރާޗުން ނުވަތަ ކުންފުނީގެ ހެޑްއޮފީހުން މަޢުލޫމާތު ސާފުކުރެއްވުމަށްވެސް ވެސް ފެނަކައިން ވަނީ އެދިވެފައެވެ.