މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޓީމެއް އިއްޔެ ކ. ގުރައިދުއަށް ދަތުރެއް ކޮށްފިއެވެ. މިދަތުރުގައި އެޕާޓީގެ ލީޑަރ މުހައްމަދު ނާޒިން (ރިޓަޔަރޑް ކާނަލް) އާއި އެ ޕާޓީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިދަތުރުގައި އެޓީމުން ވަނީ އެރަށުގެ ގޭގެއަށް ޒިޔާރަތްކޮށް އާއިލާތަކާ ބައްދަލުކޮށް ހާލުއަހުވާލު އޮޅުން ފިލުވައިފައެވެ. ގޭގެއަށް ކުރި ޒިޔާރަތުގައި އެމްއެންޕީއަށް ވަނުމަށް ބޭނުންވާ މީހުންނަށް އެފުރުސަތު ވެސް ދީފައިވާނޭ ކަމަށް އެޕާޓީން ބުންޏެވެ.

މި ހަރަކާތުގެ ދަށުން އިއްޔެ އެ ޕާޓީއަށް ވުނުމަށް އެދި ފޯމު ފުރާފައިވަނީ ކިތައް މީހުން ކަމެއް އަދި އެޕާޓީން ހާމައެއް ނުކުރެއެވެ.

އެމްއެންޕީއަކީ 2021 ވަނަ އަހަރު އޮކްޓޯބަރުމަހު 25 ވަނަ ދުވަހު އިލެކްޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ޕާޓީއެކެވެ. 2022 ވަނަ އަހަރުގެ ޖުލައި 31 ގެ ނިޔަލަށް ޕާޓީގައި ރަޖިސްޓަރޑް މެންބަރުންގެ އަދަދަކީ 8129 އެވެ.

އެމްއެންޕީއިން މިހާރު ނިންމާފައިވަނީ މިމަހުގެ 23 އިން 24 އަށް އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށެވެ. ކޮންގްރެސް އޮންނާނީ ތާޖުއްދީން ސްކޫލް ހޯލުގައެވެ. ކޮންގްރެސްއަށްފަހު ޕާޓީއަށް މީހުން އިތުރު ކުރުމުގެ މަސައްކަތް އިތުރު ކުރާނޭ ކަމަށް އެޕާޓީން ބުނެފައިވެއެވެ.