ކިންގ ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤްރުއާންގައި ރާއްޖެ ތަމްސީލުކުރާ ދެ ބައިވެރިން ސެޕްޓެމްބަރ ނުވަނަ ދުވަހު ސަޢުދީ ޢަރަބިއްޔާއަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިފަހަރު ރާއްޖެ ތަމްސީލުކުރަނީ އަޙްމަދު ނަބީޙް ޢަބްދުލް ޤާދިރުއާއި މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމްއެވެ. މި ބައިވެރިންނާއިއެކު ބައިވެރިންގެ ބެލެނިވެރިންވެސް ސަޢުދީޢަރަބިއްޔާއަށް ފުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.

ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ސެޕްޓެންބަރު މަހުގެ 10 އަކުން 21 އަށް ބާއްވަން ހަމަޖެހިފައިވާ ” 42 ވަނަ، ކިންގ ޢަބްދުލް ޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤްރުއާން” މުބާރާތުގެ ބައިވެރިން ފުރުމަށް ހަމަޖެހިފައިވަނީ 09 ސެޕްޓެންބަރު 2022ގެ ރޭގަނޑުއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ މިއަދު މި ބައިވެރިންނާއި، ބައިވެރިންގެ ބެލެނިވެރިންނާއި ބައްދަލުކުރައްވާ މަރުޙަބާ ވިދާޅުވެފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުމުން 6 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.

މިމުބާރާތަށް ބައިވެރިން ހޮވާފައިވަނީ ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރިއަސްގެންދިޔަ އޮޑިޝަންއަކުންނެވެ. މި އޮޑިޝަން ކުރިއަށް ގެންގޮސްފައިވަނީ ބެލެނިވެރިންގެ ހާޒިރުގައި ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މުބާރާތް ނިންމައި ބައިވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެންބަރު 2022 ގައެވެ.