ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ފެށި ވިމެންސް ސާފް ޗެމްޕިއަންޝިޕުގައި ވަރުގަދަ ބަންގްލަދޭޝް އަތުން 3-0 އިން ރާއްޖެ ބަލިވެއްޖެއެވެ.
ނޭޕާލްގެ ރަސްމީ ފުޓްބޯޅަ ދަނޑު ދަސްރަތް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ބަންގްލަދޭޝްއިން 3 ލަނޑުވެސް ކާމިޔާބު ކުރީ ފުރަތަމަ ހާފުގައެވެ.
ބަންގްލަދޭޝްއިން 3 ލަނޑު ކާމިޔާބު ކުރީ 8 މިނެޓް ތެރޭގައެވެ. ފުރަތަމަ ލަނޑު 32 ވަނަ މިނެޓުގައި ދެވަނަ ލަނޑު 34 ވަނަ މިނެޓުގައި އަދި ތިންވަނަ ލަނޑު ކާމިޔާބު ކުރީ 40 ވަނަ މިނެޓުގައެވެ. ތިން ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދިނީ ރާއްޖޭގެ ސިފައިންގެ ކްލަބަށް ގިނަ މެޗުތަކަށް ކުޅެދީފައިވާ ރާއްޖޭގެ އަންހެން ފުޓްބޯޅައަށް ފަރިތަ ފޯވާޑް ސަބީނާ ޚަތުމްއެވެ. އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ ޑިފެންޑަރު މަސޫރާ ޕާވިންއެވެ.
ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މިމަހުގެ 10 ވަނަ ދުވަހު ބައްދަލު ކުރާނީ މުބާރާތުގެ ފެވަރީޓް ވަރުގަދަ އިންޑިޔާއާއެވެ. ރާއްޖެ ކުޅޭ ތިންވަނަ މެޗް އަދި ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅޭ ފަހު މެޗުގައި މިމަހުގެ 13 ވަނަ ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.
މުބާރާތުގައި ސާކުގެ 7 ގައުމުން ވާދަ ކުރެއެވެ. ގްރޫޕް އޭގައި ހިމެނެނީ ރާއްޖެ އާއި ބަންގްލަދޭޝް އާއި އިންޑިޔާ އަދި ޕާކިސްތާނެވެ. ގްރޫޕް ބީގައި ހިމެނެނީ ނޭޕާލް އާއި ލަންކާ އަދި ބޫޓާނެއެވެ.
މިމުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު ގައުމު އިންޑިޔާ ވަނީ ޕާކިސްތާނުގެ މައްޗަށް 3-0 އިން ކުރި ހޯދާފައެވެ. އަދި ނޭޕާލުން ވަނީ 3-0 އިން ބޫޓާން ބަލިކޮށްފައެވެ.
މުބާރާތުގެ ސެމީފައިނަލުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެގައުމަށެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.