ރ. އުނގޫފާރު ރައްޔިތުންގެ އިންޖީނުގެ ފެނަކައާ މިއަދު ހަވާލުކޮށްފިއެވެ. އެ އިންޖީނުގެއަކީ އެރަށުގެ ރައްޔިތުން 24 އަހަރު ވަންދެން ހިންގި ތަނެކެވެ.

"މިއީ ރަށްރަށުގައި ފެނަކައިން ދެމުންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ޚިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް އުނގޫފާރު ރައްޔިތުން ނިންމެވި ނިންމެވުމެއް،" ފެނަކައިން ވިދާޅުވެފައިވެއެވެ.

ފެނަކައިން މިހާރުވަނީ އުނގޫފާރަށް ބޭނުންވާ ކަރަންޓު މެދުނުކެނޑި ފުރިހަމަ އަށް ދިނުމަށް ބޭނުންވާ 800 ކިލޯވޮޓްގެ މުޅިން އާ ޖެނެރޭޓަރެއް އެރަށަށް ގެންގޮސްފައެވެ. އެ އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފައެވެ.

މި ރަސްމިއްޔާތުގައި އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ އެރަށު ރައްޔިތުންގެ އިންޖީނުގެއަކީ 1997 ވަނަ އަހަރު ޑިސެންބަރ 7 ވަނަ ދުވަހުން ފެށިގެން ޚިދުމަތް ދޭން ފަށައިފައިވާ ތަނެއް ކަމަށެވެ. އޭރު ކަރަންޓު ދެމުން ގެންދިޔައީ އެންމެ ހަގަޑިއިރަށް ކަމަށް ވިދާޅުވިއެވެ. އެ އިންޖީނުގެއިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރީ 2001 ވަނަ އަހަރު އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ރައްޔިތުން އިންޖީނުގެހިންގިއިރު ލިބޭ އާމްދަނީއަށްވުރެން އިންޖީނުގެ ހިންގުމުގެ ޚަރަދު ބޮޑުވިކަމަށެވެ. އޭގެ ސަބަބުންނާއި ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލުގެ ސަބަބުން އިތުރު ގޮތެއް ހޯދަން ކައުންސިލަށް މަޖުބޫރުވި ކަމަށް އޭނާ ވިދާޅުވިއެވެ. ފެނަކައާ އިންޖީނުގެ ހަވާލުކުރުމަށް މިއަށްވުރެ ފުރިހަމަ ކަމާއިއެކު ދޭނެކަމަށް ޔަގީންކުރަށްވާކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ އަމިއްލަ މަސައްކަތުން ރަށްރަށުގައި ގާއިމްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭނެ އަލިމަގެއް ނުފެނި ކަނިވެ ނިވެމުން ދިޔަ އިންޖީނުގެތަކައް ސަރުކާރުގެ ބެލެނިވެރިކަން ދެއްވުމައް 2009 ވަނަ އަހަރު ސަރުކާރުން ފެއްޓެވި މަސައްކަތް މިއަދު ރ. އުނގޫފާރުގެ ރައްޔިތުންގެ އިންޖީނުގެ ފެނަކަ އާ ހަވާލު ކުރުމުން އެއްކޮށް ފުރިހަމަ ކުރެވިއްޖެ.

އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު މިހަފްލާގައި ވިދާޅުވީ އެރަށު އިންޖީނުގެ ފެނަކައާ ހަވާލުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދެވޭނެ ކަމަށެވެ. އޭގެއިތުރުން ތެލަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން، އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރުމުގެ މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޖީނުގެ ޙަވާލުކުރުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ އެވެ.

-ފޯޓޯތައް: ފެނަކަ