މަޝްހޫރު އޭދަފުށި ޕެނަލްޓީ ޖަހައިގެން 6-7 އިން ބަލިކޮށް "އެސްޓީއޯ ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް 2022" ގެ ފައިނަލަށް ރާއްޖޭގެ އެއްވަނަ ފޯވާޑް އަލީ އަޝްފާޤް (ދަގަނޑޭ) ކުޅެމުން އަންނަ ހިންނަވަރު ސްޕޯޓްސް ކުލަބު ދަތުރުކޮށްފިއެވެ.
ހިންނަވަރު ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ ދެރަށް 2-2 އިން އެއްވަރުވެފައެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީވެސް އޭދަފުށިންނެވެ. މިލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ފުރަތަމަ ޑިވިޒަނުގައި ނިއުރޭޑިއަންޓަށް ކުޅެފައިވާ ވިންގަރ އަހްމަދު ސުހައިލް (ބަމްޕުޗް) ގެ ލަނޑަކުން އޭދަފުށިން ލީޑު ފުޅާކޮށް ހިންނަވަރު މާޔޫސް ކޮށްލިއެވެ.
އެކަމަކު ދެވަނަ ހާފުގައި ފެނުނީ ހިންނަވަރުން ވަރަށް ޖޯޝުގައި ކުޅެ އޭދަފުށީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި މަންޒަރެވެ. ނަތީޖާއަކަށް ވެގެންދިޔައީ ލިބުނު ހިލޭ ޖެހުމަކުން 62 ވަނަ މިނެޓުގައި ހިންނަވަރުން ލަނޑެއް ޖަހައި އުއްމީދު އާކުރުމެވެ. މިލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ޒިޔާނެވެ. އޭދަފުއްޓަށް ހަމަޖެހިނުލެވި އުޅެނިކޮށް ހިންނަވަރުން އެއްވަރު ކުރީ އޭގެ ތިިން މިނެޓު ފަހުން ވިޖާޒް އީސަ (ވިޖޫ) އެވެ.
މިލަނޑަށްފަހުވެސް ދަގަނޑޭ އަށާއި ވިޖޫއަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތުތައް ލިބި ބޭކާރުވިއެވެ.
ހިންވަރުން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ނާކާމިޔާބުވީ ހަމައެކަނި ވިޖޫ ޖެހި ޕެނަލްޓީއެވެ. އޭދަފުށިން ފޮނުވާލި ޕެނަލްޓީތަކުގެ ތެރެއިން ނާކާމިޔާބުވީ މުޙައްމަދު ޝާން އާއި އަހްމަދު ޖައުޝަން ފޮނުވާލި ޕެނަލްޓީއެވެ. މިދެ ޕެނަލްޓީ ހިންނަވަރުގެ ގޯލްކީޕަރު ހުސައިން ހާފިޒް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ނިއުއަށް ކުރިން ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) އެވެ.
ފައިނަލުގައި ހިންނަވަރު ނިކުންނާނީ އެންމެފަހުގެ ޗެމްޕިއަން ނައިފަރު ޗެލްސީ އެފްސީއާ ދެކޮޅަށެވެ. ނައިފަރު ޗެލްސީ އެފްސީއިން މިދިޔަ އަހަރު ތަށި އުފުލާލީ ހިންނަވަރު ބަލިކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.
ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރުއެވެ. މިމެޗު “ޔެސް ޓީވީ” އިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.