ޔުއެފާ ޗެމްޕިއަންސް ލީގް ގްރޫޕް ސީގައި މިފަހަރު ހިމެނޭ މަޝްހޫރު ބާސެލޯނާ އާއި ބަޔާން މިޔުނިކުން، ގްރޫޕް ސްޓޭޖުގައި މިސީޒަަނުގައި ކުޅުނު ފުރަތަމަ މެޗް މިރޭ ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ.
ބާސެލޯނާ 5 - 1 ޕްލެޒެން (ގްރޫޕް ސީ)
ބާސެލޯނާގެ މަޝްހޫރު "ސްޕޮޓިފައި ކޭމްޕް ނޯ ސްޓޭޑިއަމް" ގައި ކުޅުނު މިމެޗުގައި އެޓީމުން ފުރަތަމަ ހާފުގައި ތިން ލަނޑު ޖެހިއެވެ. ފުރަތަމަ ލަނޑު 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އޭސީ މިލާން ދޫކޮށް މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ބާސާއާ ގުޅުނު އައިވަރީކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސީއެވެ. އަނެއް ދެލަނޑު ކާމިޔާބު ކޮށްދިނީ ބަޔާން މިޔުނިކް ދޫކޮށް މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެޓީމާ ގުޅުނު ޕޮލެންޑުގެ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީއެވެ. މިދެލަނޑު ކާމިޔާބު ކުރީ 34 ވަނަ މިނެޓާއި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ލެވަންޑޮސްކީ ވަނީ 67 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
މިއާއެކު އޭނާ ވެފައި ވަނީ ޗެމްޕިއަންސް ލީގުގެ ތާރިހުގައި ތަފާތު ތިން ޓީމެއްގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން ލެވަންޑޮސްކީ ވަނީ ޑޯޓްމަންޑާއި ބަޔާން މިޔުނިކް ޖާޒީގައި ޗެމްޕިއަންސް ލީގުގައި ހެޓްރިކް ހަދާފައެވެ.
މިއީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ފެނުނު ފުރަތަމަ ހެޓްރިކެވެ. މިލަނޑުތަކާއެކު ލެވަންޑޮސްކީ ވަނީ ޗެމްޕިއަންސް ލީގުގެ ތާރިހުގައި 3 ވަނައަށް އެންމެ ގިނަ ލަނޑު ޖެހި (88 ލަނޑު) ކުޅުންތެރިޔާގެ ކަމުގައި ވެފައެވެ. އެއީ ވާދަވެރި ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރީމް ބެންޒެމާއަށް ވުރެ އިތުރަށް ދެލަނޑު ޖަހައިގެންނެވެ. ބާސާގެ 5 ވަނަ ލަނޑު 73 ވަނަ މިނެޓުގައި ޖެހީ ސްޕެއިނުގެ ފޯވާޑް ފެރަން ޓޮރޭސްއެވެ. ޗެކްރިޕަބްލިކުގެ ޗެމްޕިއަން ޕްލެޒެންއިން ސުން ކަނޑުވާލީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޖޭން ސައިކޯރާއެވެ.
އިންޓަމިލާން 0 - 2 ބަޔާން މިޔުނިކް (ގްރޫޕް ސީ)
އިންޓަމިލާނުގެ ދަނޑުގައި ކުޅުނު މިމެޗުގައި ބަޔާން މިޔުނިކުގެ ފުރަތަމަ ލަނޑު، ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ސާނޭ ކާމިޔާބު ކުރިއިރު ދެވަނަ ލަނޑަކީ 66 ވަނަ މިނެޓުގައި ސާނޭ ނަގައިދިން ހުރަހެއް އިންޓަމިލާނުގެ ކެޕްޓަން ޑަނީލޯ އެމްބްރޮސިއޯ ކްލިއަރ ކޮށްލަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބައިކޮޅަށް ވަން ލަނޑެެކެވެ. މިމެޗުގައި ބަޔާން މިޔުނިކުން ވަނީ އިންޓަމިލާނުގެ އެޓޭކްތައް ފަސޭހަކަމާއެކު ހުއްޓުވައި މުޅި މެޗް ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްފައެވެ.