ޗެމްޕިއަންސް ލީގުގެ އެންމެފަހުގެ ރަނައަޕް އިނގިރޭސިވިލާތުގެ މަޝްހޫރު ލިވަޕޫލްގެ މައްޗަށް އިޓަލީގެ ނަޕޯލީއިން މިރޭ އަމިއްލަ ދަނޑުގައި 4-1 އިން ކުރި ހޯދައި ފުޓްބޯޅައިގެ ދުނިޔެ ސިއްސުވާލައިފިއެވެ.
ނަޕޯލީގެ މަޝްހޫރު "ސްޓާޑިއޯ ޑިއޭގޯ އާމަންޑޯ މަރަޑޯނާ" ދަނޑުގައި ކުޅުނު މިމެޗުގައި ނަޕޯލީން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު މެޗުގެ 5 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ޕޮލެންޑް ގައުމީ ޓީމުގެ މިޑްފީލްޑަރު ޕިއޮޓްރް ޒިއެލިންސްކީއެވެ.
ނަޕޯލީއިން ލީޑް ފުޅާ ކުރީ 31 ވަނަ މިނެޓުގައި އަންދްރޭ ފްރޭންކް ޒަމްބޯ އަންގުއިއްސާގެ ލަނޑުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލްގެ ހިތްވަރު ނަޕޯލީއިން އެލުވާލީ 44 ވަނަ މިނެޓުގައި އާޖެންޓީނާގެ ފޯވާޑް ޖިއޮވާނީ ސިމިއޯނީގެ ލަނޑުންނެވެ. ޖިއޮވާނީ ،27، އަކީ އާޖެންޓީނާގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި މިހާރު އެތުލިކޯ މެޑްރިޑަށް އިރުޝާދު ދެމުން އަންނަ މަޝްހޫރު ކޯޗް ޑިއޭގޯ ސިމިއޯނީގެ ދަރިއެކެވެ. ލަނޑު ޖެހުމަށްފަހު ޖިއޮވާނީ ވަނީ، އޭނާގެ އުމުރުން 13 އަހަރުން ފެށިގެން ޗެމްޕިއަންސް ލީގުގައި ލަނޑެއް ޖެހުމަށް ކުރަމުން ދިޔަ އުއްމީދު ހަގީގަތަކަށް ވުމުން އުފަލުން ރޮއެފައެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ. އަދި މިލަނޑު އޭނާ ޖެހީ ކުޅެން އަރައި، ފައިގައި ޖެހުނު ފުރަތަމަ ބޯޅައިންނެވެ.
ދެވަނަ ހާފް ނަޕޯލީއިން ފެށީވެސް ލަނޑަކުންނެވެ. މިލަނޑު 47 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީވެސް ޕޮލެންޑުގެ މިޑްފީލްޑަރު ޒިއެލެންސްކީއެވެ. ލިވަޕޫލްގެ ހަމައެކަނި ލަނޑު އޭގެ ދެމިނެޓް ފަހުން ކާމިޔާބު ކޮށްދިނީ ކޮލަމްބިއާގެ ވިންގަރ ލުއިޒް ޑިއަޒްއެވެ.
މިއީ ނަޕޯލީގެ ދަނޑުގައި ޖެހިޖެހިގެން ލިވަޕޫލް ބަލިވި ތިންވަނަ މެޗެވެ. ކްލޮޕުގެ އިރުޝާދުގެ ދަށުން ލިވަޕޫލް އެންމެ ގިނައިން ބަލިވެފައި ވަނީ މިދަނޑުގައިކަން ފާހަގަ ކޮށްލެވެއެވެ.
ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އާއި ނަޕޯލީއާއެކު މިގްރޫޕް (ގްރޫޕް) ގައި ދެން ހިމެނެނީ އަޔަކްސް އާއި ރޭންޖާސްއެވެ. މިދެޓީމު ރޭ ބައްދަލު ކުރި މެޗް 4-0 އިން ކާމިޔާބު ކުރީ އަޔަކްސްއެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ކުޅުނު ބައެއް މެޗުތަކުގެ ނަތީޖާތައް:
1. ޓޮޓެންހަމް 2-0 މާސޭ
2. އެތުލެޓިކޯ މެޑްރިޑް 2-1 ޕޯޓޯ
3. ކްލަބު ބްރޫޖް 1-0 ލެވަކޫސަން