ސަރުކާރުން ހިންގާ ހޯމް ސޯލާގެ ދަށުން ނޮވެމްބަރ މަހުގެ ކުރިން 1000 ގޭގައި ސޯލާ ޕެނަލް ހަރުކުރެވިގެން ދާނޭ ކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރ. އުނގޫރު ރައްޔިތުންގެ އިންޖީނުގެ ފެނަކައާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އިއްޔެ ވިދާޅުވީ ކުރީގެ 16މެގަވޯޓުގެ އިތުރަށް ޖުމްލަ 20 މެގަވޮޓުގެ ސޯލާ އިންސްޓޯލްކުރެވި 271 މިލިއަން ރުފިޔާ ސަލާމަތްކުރެވުނު ކަމަށެވެ. މިދައުރު ނިމުމުގެ ކުރިން 51މެގަވޯޓު ސޯލާ ޕެނަލް ހަރުކުރެވި ނިމޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހަކަތައިގެ ދާއިރާގެ އެންމެ މުހިންމު ކަމަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށެވެ. އަދި 2030 ގެ ކުރިން ރާއްޖޭ ނެޓް ޒީރޯ ގައުމަކަށް ހެދުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގްރީން ޓެކްސް އިން ވަކި މިންވަރެއް އަންނަ އަހަރުން ފެށިގެން ކައުންސިލް ތަކަށް ދޭނޭ ކަމަށެވެ. އެއީ ކުނި މެނޭޖްކުރުމަށް ގްރާންޓްގެ ގޮތުގައި ކައުންސިލުތަކަށް ދޭ އެއްޗެއް ކަމަށެވެ.