ރާއްޖޭގެ ކުރީގެ ޑިފެންސް މިނިސްޓަރ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރ މުހައްމަދު ނާޒިމް (ރިޓަޔަރޑް ކާނަލް) އަކީ ވިޝަނަރީ ވަރުގަދަ ލީޑަރެއް ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްއެންޕީގެ ތަރުޖަމާނު ޝިދާތާ ޝަރީފް ވިދާޅުވީ ނާޒިމް މަސައްކަތް ކުރެއްވި ކޮންމެ ދިމާއަކުން އެމަނިކުފާނުގެ ލީޑަރޝިޕްގެ ފެންވަރު ދައްކަވައިދެއްވާފައިވާ ކަމަށެވެ. އެހެން ކަމުން އެ ލިޑަރޝިޕްގެ ދަށުން ރައްޔިތުންނަށް އެންމެ ފައިދާވާނޭ މިސްރާބަށް އެމަނިކުފާނު ރާއްޖެ ގެންދަވާނޭ ކަމަށް ޝިދާތާ ވިދާޅުވިއެވެ. އެހެން ކަމުން ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓު ދެއްވައި ވެރިކަމަށް ހޮވުމަކީ މުޅި ރާއްޖެއަށް ފައިދާކުރާނޭ ގޮތް ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.

"ނާޒިމް ޑިފެންސްމިނިސްޓްރީ ހިންގެވުމާއި، ހެލްތު މިނިސްޓްރީ ހިންގެވުމާއި ފެނުގެ ކާރިސާދިމާވި ދުވަސްވަރު ދައްކަވާފައިވަނީ އާދަޔާ ޚިލާފު މޮޅު ލީޑަރޝިޕެއް. އެންމެނަށް އެއޮތީ އެކަން ފެންނަން. ސިފައިންގެ ގޭގައި ކާނަލެއްގެ ގޮތުގައި ވެސް އެމަނިކުފާނު ވަނީ ގައުމަށް ރަނގަޅު ޚިދުމަތެއް ކޮށްދެއްވާފައި،" ޝިދާތާ ވިދާޅުވިއެވެ.