ސަރުކާރުން 22.14 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހިންގާ މަޝްރޫޢުގެ ބޮޮޑުބައެއް ނިމިއްޖެ ކަމަށް އެމަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނީން މިއަދު ބުނީ އެ މަސައްކަތުގެ 65 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އޭގެ އިތުރުން ގޮނޑުދޮށުގައި ބޭރުތޮށި ލުމުގެ މަސައްކަތުގެ 66 ޕަސެންޓާއި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 34 ޕަސެންޓް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން

  • 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުން
  • 490 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 96 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މީގެ އިތުރުން ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 51 ޕަސެންޓް ވެސް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް ވެސް ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، 870 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 19.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.