ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސިންގަޕޫރުގެ މިނިސްޓަރ ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް، މަސަގޮސް ޒުލްކިފްލީއާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހާރު ސިންގަޕޫރަށް ކުރައްވަމުންގެންދާވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެޤައުމުގެ ސަރުކާރުގެ މަތީފަންތީގެ އިސްވެރިންގެ ޒިޔާރަތްތަކުގައި ދެޤައުމަށް ފައިދާ ހުރި ގިނަ ފަހުމުނާމާތަކެއްގައި ސޮއިކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، ސިންގަޕޫރަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ދިފާޢީ، އިޖުތިމާޢީ، އިޤުތިޞާދީ ތަރައްޤީއާއި، ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިންނާއި، ޒުވާނުން ބާރުވެރިކުރުވުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް އެމނިކުފާނު ވަނީ ތަޢުލީމީ ދާއިރާ އާއި، އަރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓްގެ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރައްވައި މި ދާއިރާތަކުން ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމުގައި އެހީތެރިކަން ބޭނުންވާކަން ހާމަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، އަދި ސިންގަޕޫރުގެ މިނިސްޓަރ ފޯރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްގެ ދެބޭފުޅުންވެސް ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުންފަދަ ދެ ޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ. އަދި، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަށް އުއްމީދު ކުރައްވާކަމުގައިވެސް ދެބޭފުޅުން ވަނީ ވިދާޅުވެފައެވެ.

- ޚަބަރާއި ފޮޓޯ ރައީސް އޮފީސް