އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ބަހުސަށް މެމްބަރުންގެ ޝައުގުވެރިކަން ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މި ބަހުސްގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ މެމްބަރުންގެ އަދަދު މަދުވުމާއި ގުޅިގެންނެވެ.
އާދީއްތަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓް ބަހުސްގައި ބައިވެރިވެވަޑައިގެންނެވީ އެންމެ 18 މެމްބަރުން ކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ބަޖެޓް ބަހުސްގައި ބައިވެރިވުމުގެ ފުރުސަތު މިއަދުގެ 10:00 ގައި ބަންދުކުރައްވާނެ ކަމަށެވެ
"އަޅުގަނޑު މިއަދުގެ 10 ޖަހާއިރު ފުރުސަތު ބަންދުކުރަން ގަސްތު ކުރަން. އަޅުގަނޑަކަށް ނުފެނޭ ބަޖެޓުގެ ބަހުސްގައި އިއްޒަތްތެރި މެމްބަރުންގެ ޝައުގުވެރިކަމެއް ހުރި ކަމަކަށް. އިއްޔެގައިވެސް އިއްޒަތްތެރި މެމްބަރުންނެއް މި ބަޖެޓުގެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައެއް ނުގަންނަވާ. އެހެންވީމާ އަޅުގަނޑަށް ޖެހުނީ ހަމަ މިތަނުގައި އިންނަން. އެއީ މިކަމުގައި ރަނގަޅު ގޮތެއް ކަމަކަށް ނުދެކެން."
ސަރުކާރުން މަޖިލީހަށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ބަޖެޓް ދިރާސާކުރި ކޮމިޓީން ގެނެސް މެމްބަރުން ދަނީ ބަހުސް ކުރަމުންނެވެ. ބަޖެޓުގެ ފާސްކުރުމުގެ މަސައްކަތް ނިންމުމަށްޓަކައި މަޖިލީހުގެ ތިން ވަނަ ދައުރު ވަނީ ޑިސެމްބަރު 7 ވަނަ ދުވަހާ ހަަމައަށް ދިގުދަންމާލާފައެވެ.