އެމެރިކާގެ އުޓާ ސްޓޭޓުގައި ދިރިއުޅޭ އުމުރުން 46އަހަރުގެ އަންހެނަކަށް އެއްވައްތަރުގެ، އެއްމާބަނޑު 3 ކުދިންލިބިއްޖެއެވެ.

އޯޑްރީ ޓައިބޭރިޔަސް ކިޔާ މި އަންހެންމީހާ ބުނީ އޭނާއަށް އެއްމާބަނޑު 3 ދަރިން ލިބުނީ އިތުރު ދަރިއަކު ނުލިބޭނޭކަމަށް ޑޮކްޓަރު ބުނިތާ އެއް އަހަރު ވީތަނާއެވެ.

ޓައިބޭރިއަސް، އެންސީބީ އެފިލިއޭޓް ކޭސެލް ޓީވީއަށް ދިން އިންޓަވިއު އެއްގައި ބުނީ އޭނާގެ ބިހަށް މާގިނަދުވަސް ވެފައިވާތީ މާބަނޑު ނުވާނެކަމަށް މީގެ އަހަރުތަކެއް ކުރިން ޑޮކްޓަރުން ބުނުމުން ގުދުރަތީގޮތުން އޭނާއަށް ދަރިއަކު ލިބިދާނެކަމަށް ހީނުކުރާކަމަށެވެ. އެހެންކަމުން އޭނާ 3 ފަހަރު މަތިން "އިންފަރޓިލިޓީ" ހަދައިގެންވެސް އިތުރު ދަރިއަކު ނުލިބުނުކަމަށެވެ.

ޓައިބޭރިއަސް 3 ކުދިންނަށް މާބަނޑުވެ އިންކަން އެނގުނީ އިންފަރޓިލިޓީ ޓްރީޓްމެންޓު ހުއްޓާލައިގެން ތިއްބައެވެ.

އެހެންނަމަވެސް ޓިބެރިއަސް އާއި އޭނާގެ ފިރިމީހާ ޓައިލާ ބޭނުންވަނީ ބޮޑު އާއިލާއެއްކަމަށް ވާތީ 5 އަހަރުވަންދެން އެކަމަށް އެދިއެދި ތިބިކަމަށް އޭނާ ބުންޏެވެ. އެއީ ގާތްގަނޑަކަށް 7 ކުދިން ކަމުގައިވެސް އޭނާ ކިޔައި ދިނެވެ.

މި އެންމާބަނޑު 3 ކުދިންގެ އިތުރަށް އެ ދެމަފިރިންގެ 4 ފިރިހެން ދަރިން ތިބެއެވެ. އެތަނުން އެންމެ ހަގު ދަރިފުޅުގެ އުމުރަކީ ހަތް އަހަރެވެ. އަދި ދޮށީ ދަރިފުޅުގެ އުމުރަކީ 13 އަހަރެވެ.

ޑޮކްޓަރުން ބުނާގޮތުގައި އެއްމާބަނޑު، އެއްވައްތަރު، 3 ކުދިން ވިހަނީ 200 މިލިއަން ފަހަރުން 1 ފަހަރު އެވެ. އަދި 45 އަހަހަރުގެ އަންހެނަަކު އެއްމާބަނޑު، އެއްވައްތަރު، 3 ކުދިން ވިހަނީ 20 ބިލިއަނުން އެއްފަހަރު ކަމުގައިވެސް ތަޖުރިބާކާރުން ހާމަކުރެއެވެ.

އެއްމާބަނޑު 3 ފިރިހެން ދަރިންނަށްފަހު ޓައިބޭރިއަސް އާއި އޭނާގެ ފިރިމީހާ އިންތިޒާރު ކުރަނީ އިތުރު އަންހެންދަރިއަކު ލިބުމަށެވެ. އޭނާ ބުނީ އަންހެންދަރިއަކު ލިބުމަށް އެ ދެމަފިރިންވެސް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.