އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 260 އަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި ކަމަށް ފުލުހުން ބުނެފިއެވެ.

މަސްތުވާތަކެތި ނައްތާލާފައިވަނީ ދޫނިދޫގައި މިއަދުގެ ވަގުތެއްގައެވެ. ނައްތާލާފައިވަނީ އެކި މައްސަލަތަކުގައި 2021 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިހާތަނަށް ނައްތާނުލެވިހުރި 264.93 ކިލޯގެ މަސްތުވާތަކެއްޗެވެ. އެގޮތުން، މިއަދު ނައްތާލާފައިވަނީ މަސްތުވާތަކެތި ހުރި 10888 ރަބަރު ޕެކެޓާއި، 4285 ސެލޯފިންކޮޅާއި، 246 ފިލްމު ހުސްކުރިދަޅާއި، 130 ބުލެޓާއި، 40 ބިޑީގެ އިތުރުން 6359 ބޭސްގުޅައެވެ. އަދި މަސްތުވާތަކެތި ބަންދުކުރުމަށާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ތަކެތި 4559 އެހެނިހެން އައިޓަމްގެ ގޮތުގައި ނައްތާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން މީޑީއާ އަދި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވި މީހުންގެ ހާޒިރުގައެވެ.