ވިޔަވަތި ރާއްޖެ ކޮންފަރެންސް ހޮނިހިރު ދުވަހު ބާއްވާނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މި ކޮންފަރެންސް އޮންނާނީ ހައްދުންމަތީ ގަމުގައި ކަމަށެވެ. މިއީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ބާއްވަވަމުން އަންނަ ކޮންފަރެންސެކެވެ.

މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ދިވެހި މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން މިއުވާން ވިދާޅުވީ، ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ލ.އަތޮޅަށް ވަޑައިގަންނަވާނީ ހޮނިހިރު ދުވަހު ކަމަށެވެ.

މިފަހަރުގެ ވިޔަވަތި ކޮންފަރެންސް އަޮންނާނީ މި ސެޕްޓެމްބަރު މަހުގެ 10 އިން 12އަށެވެ. މި ކޮންފަރެންސްގައި 107 ކައުންސިލަރުންނާއި އެކު ސަރުކާރުގެ އިސްވެރިންނާއި އެސްއޯއީތަކުގެ އިސްބޭފުޅުން ހިމެނޭގޮތުން 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު ވަނީ ވޭތުވެދިޔަ ހަފްތާގައި ސަރުކާރުން ކުރައްވާފައިވާ މުހިއްމު ކަންކަމާއި، އަދި ކުރިޔަށް ހުރި މުހިއްމު ކަންކަމާއި ގުޅޭ މައުލޫމާތު ދެއްވާފައެވެ. މިގޮތުން ނިމިދިޔަ ހަފްތާގައި ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެގްޒެކްޓިވް ކޮމިޓީ އާއިއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތަފްޞީލާއި، ބ އަތޮޅު އޭދަފުށީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކުރެވުުނު މަޝްވަރާތަކުގެ ތަފްޞީލްތައް ޙިއްޞާކުރެއްވިއެވެ.

މީގެއިތުރުން މާލޭގައި މިނީބަހުގެ ޚިދުމަތް މިހަފްތާގައި ފެށިގެން ދިޔައިރު، އެޚިދުމަތް ރައްޔިތުން ބަލައިގަނެފައިވާ ކަމަށާއި އިއްޔެ އެކަނިވެސް 8024 މީހުން ބަހުން ދަތުރުކޮށްފައިވާ ކަންވެސް މިއުވާން ފާހަގަކުރެއްވިއެވެ. އަދި މިޕްރެސް ކޮންފަރެންސްގައި ޒޯން 1ގައި އާރްޓީއެލްއިން ދެމުން އަންނަ ސްޕީޑްފެރީގެ ޚިދުމަތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުވެސް ވަނީ ނޫސްވެރިންނާ ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން އާސަންދައިގެ ޚިދުމަތް ހޯދުން ލުއިފަސޭހަކޮށް ދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އާސަންދައިގެ ހެލްޕް ޑެސްކުތައް ޤާއިމް ކުރެވިފައިވާކަން މިއުވާން ފާހަގަކުރެއްވިއެވެ.