ޖުވެނައިލް ކޯޓުގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފާއި ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލައިގައި ވޯޓަށް އަހަން މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.
ގާޒީ ބާރީ ސަސްޕެންޑް ކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އެންގުމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.ގާޒީކަމުން ބާރީ ވަކިކުރަން ހުށަހެޅީ މި މަހު އެވެ.
ބާރީ ވަކިކުރަން މަޖިލީހަށް ހުށަޙެޅުމަށް ފަހު، ޖޭއެސްސީން އޭރު ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން މާލީ މަންފާ ހޯއްދަވާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ އާއި މެއި، 2014 އިން ފެބްރުއަރީ، 2018 އާ ހަމައަށް އަމަލީ ގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވުމާއި އެ މުއްދަތުގެ ތެރޭގައި މާލީ ބަޔާނުގައި ވިޔަފާރިން ލިބުނު އާމްދަނީ ހާމަކުރައްވާފައިވާ ނުވާ ކަމަށެވެ.
ބާރީ ވަކިކުރަން ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ބުނެފައި އޮތީ އޭނާ ވަކިކުރަން ޖޭއެސްސީން ނިންމީ ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ރަނގަށް ކަމަށެވެ.
ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު ވަކިކުރަން ޖޭއެސްސީން ނިންމީ ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ދެ މައްސަލައެއްގައި ދައުވާ ލިބުނު މީހާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް މައްސަލަ ހިންގާފައި ވާތީ އެވެ.އަދި މިގޮތަށް އަމަލުކޮށްފައިވަނީ މި މައްސަލައިގައި ހުކުމް ކޮށްފައިވާކަން އަބްދުލްރައްޒާގަށް އެނގިވަޑައިގެން ހުންނަވައިގެން ކަމަށް ޖޭއެސްސީން ބުނެ އެވެ. އަދި މި މައްސަލަ ޖޭއެސްސީން ތަހުގީގުކުރި އިރު އަބްދުލްރައްޒާގު އޮޅުވާލައިގެން މައުލޫމާތު ދެއްވާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. ޖެނުއަރީ މަހު އަބްދުއްރައްޒާގު ވަނީ ސަސްޕެންޑްކޮށްފަ އެވެ.