ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސިންގަޕޫރުގެ ބޮޑުވަޒީރުގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، ޑެސްމަން ޓާން އާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހާރު ހުންނެވީ ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި އެ ޤައުމުގައެވެ. މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާ ސިންގަޕޫރާ ދެމެދު އޮތް ގުޅުމާއި ކުރިމަގުގައި އިތުރަށް ގުޅުންބަދަހި ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެ ޤައުމުން އިސްކަންދޭ ބައެއް ދާއިރާތައް ކަމުގައިވާ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއާއި އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން ގުޅުންބަދަހި ކުރުމާއި ބައިނަލްއަޤްވާމީ އެކިއެކި ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމާއި ދެ ޤައުމުގެ ފަރުދުންގެ މެދުގައި އިތުރަށް ގުޅުންބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ސަސްޓެނިއަރ އެގްރިކަލްޗަރ"ގެ ދަށުން ދަނޑުވެރިކަމުގެ އުފެއްދުންތައް އުފައްދާތަނަށް ޒިޔާރަތްކުރައްވައި، ކާބަން ފުޓްޕްރިންޓް ވީހާވެސް މަދުކުރެވޭގޮތަށް، އަދި ރައްޔިތުންނަށް އެންމެބޮޑަށް އޭގެ ބޭނުންހިފޭގޮތަށް ސިންގަޕޫރުގެ ބައެއް އުސް އިމާރަތްތަކުގައި "ސްމާރޓް ވާޓިކަލް ފާރމް" ބޭނުން ކޮންގެން ދަނޑުވެރިކަން ކުރަމުންދާގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވައި އެ މަސައްކަތްތައް ކުރިޔަށްގެންދާގޮތް ބައްލަވާލައްވާފައެވެ.

- ޚަބަރާއި ފޮޓޯ ރައީސް އޮފީސް