އަދުލުވެރިކަމާނުލައި ނޫސްވެރިކަން ކޮށްފިކަމަށްވާނަމަ ކޮންމެވެސް ދުވަހަކުން އޭގެ ޒިންމާ އެމީހަކު އަމިއްލައަށް ނަގަން ޖެހޭނޭ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އޮތީ މީޑިޔާ ތަންމިނަށް މިނިވަންކޮށްގެން, ހުޅުވާލައިގެން ކަމަށެވެ. ރަނގަޅަށް ބައްލަވައިފިނަމަ އެކަން ފެނިވަޑައިގަންނަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުން މީޑިޔާގެ މިނިވަންކަން ހަނި ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލާއި, ބްރޯޑް ކާސްޓިންގ ކޮމިޝަނާއި, ޝަހީބު މީޑިޔާ ގުޅިގެން ދެހަފްތާގެ މުއްދަތަށް ކުރިއަށްގެންދިޔަ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ނޫސްވެރިކަމަކީ ވަރަށްބޮޑަށް އަދުލުވެރިކަމަށް ބޭނުންވާކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ތިބެގެނެއް މީޑިޔާ ހަންޏެއް ނުކުރާނަން. އެކަމަކު މީޑިޔާ ޒިންމާދާރުވުމަށް މީޑިޔާ އަދުލުވެރިވުމަށް, މީޑިޔާ ރަނގަޅު ގޮތުގައި ބޭނުންކުރުން އެއީ ތިޔަބޭފުޅުންގެ ބޮލުގައި އެޅިފައި އޮތް ބޮޑު ދީނީ ޤައުމީ ބޮޑު ޒިންމާއެއް, ބޮޑު ވާޖިބެއް. އެކަން ފުރިހަމަގޮތުގައި ކޮށްދެއްވުމަކީ ތިޔަބޭފުޅުން ކޮށްދެއްވަންޖެހޭ ކަމެއް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ މީގެކުރީގެ ސަރުކާރުތަކުންވެސް އަދި ފަހުން އަންނާނެ ސަރުކާރުތަކުންވެސް މީޑިޔާއަށް ނުދޭހާ މިނިވަންކަމެއް މިއަދުގެ ސަރުކާރުން ވަނީ ދީފައި ކަމަށެވެ. އެވަރުގެ މިނިވަންކަމެއް ސަރުކާރުން ދިނީމާ މީޑިޔާތަކުން އޭގެ ޒާތުގައި ފައިމައްޗަށް ތެދުވެ މީޑިޔާ ވަރުގަދަކުރުން އެއީ މީޑިޔާގެ އަހުލުވެރިންގެ ޒިންމާއެއްކަމަށެވެ. ސަރުކާރުން ވާންޖެހޭ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް, މިކަމަށްޓަކައި ހަދަންޖެހޭ ޤާނޫނުތައް, އެކަށަ އަޅަންޖެހޭ ހަމަތައް އެކަށައަޅުއްވާކަމަށާއި, އެކަމަކު އަދިވެސް ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރިކަން ޤަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން ވަކިކަމެއް ނުކުރިއްޔޭ ބުނެ ދޫކޮށްލާވަރަށްވުރެ ބޮޑަށް މީޑިޔާއަށް ބާރުތަކާ ފުރުޞަތުތައް ސަރުކާރުން ދީފައިވާކަމަށް ވިދާޅުވިއެވެ.

"މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގާ, އޭގެތެރެއިން މުޖުތަމައު ހަރާބުވެ, ފަސާދައަށް ދާބަޔަކަށް މީޑިޔާ ވެގެންނުވާނެ. މީޑިޔާއަކީ ބިނާކޮށް, ޘާބިތުކޮށް, މުޖުތަމައުގެ ރައްކާތެރިކަމާއި, މުޖުތަމައުގެ ހަމަޖެހުން ކަށަވަރުކުރުމުގައި އެންމެބޮޑު ޒިންމާއެއް އަދާކުރާ އެއްބަޔަކަށްވުން އެއީ އަޅުގަނޑުމެންގެ ޤައުމުގެ ކުރިމަގަށް އޮތް ހަޤީޤީ ރަނގަޅަކީ. އެދިމާއަށް ދަތުރުކުރުން އެއީ ތިޔަބޭފުޅުންގެ އަރިހުން އަޅުގަނޑު ވަރަށްބޮޑަށް އެދޭކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

ނޫސްވެރިކަން އެންމެ ރަނގަޅަށް ހިންގުމަށް ބޭނުންވާ ފުރިހަމަ މާހައުލެއް ޤާއިމްވެފައި އޮތުމަށް ހުރި ދަތިތަކާއި ގޮންޖެހުންތައްވެސް ޤަބޫލުކުރައްވާކަމަށާއި, އެކަން ގުޅިފައި އޮތީ މުޅިރާއްޖޭގެ ނިޒާމްގެ ތެރެއާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޑިމްކޮރެސީގެ ފުރިހަމަކަމާއި, ވަރުގަދަކަން ދައްކައިދެނީ އެނިޒާމްގެ ބާރުތަކުގައިހުރި ފުރިހަމަކަމަކާއި ވަރުގަދަކަމެއްގެ ނަތީޖާއެއްގެ ގޮތުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެއަށް ވިސްނައިފިނަމަ އަޅުގަނޑުމެންގެ ޑިމޮކްރަސީގައި ހުރި ފުރިހަމަކަމާއި, ރަނގަޅުކަމާއި, މޮޅުކަމުގެ ޖަޖްމަންޓެއް އަޅުގަނޑުމެންނަށް މީޑިޔާއަށް ބަލައިގެން ކުރެވިދާނެކަމަށެވެ. އެކަމަކު އެކަން އޮތީ އަޅުގަނޑުމެން އެހާ އުފާކުރަންޖެހޭ ގޮތަކަށްނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.