އޮގަސްޓު 2022 ގައި މީރާއަށް 1.32 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %3.6 އިތުރު އަދަދެކެވެ. އަދި، އޮގަސްޓު 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %5.9 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮގަސްޓު 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އޮގަސްޓު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު އަންދާޒާކޮށްފައިވާ މިންވަރަށްވުރެ 5.4% އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މި ކަމުގެ ސަބަބުން ޓި.ޖީ.އެސް.ޓީ އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ. އޮގަސްޓު 2022 ގެ އާމްދަނީ އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި، އިންކަމް ޓެކްސްގެ ކުރީގެ ޑެޑްލައިންތަކުގައި ލިބެންޖެހޭ އާމްދަނީ އޮގަސްޓު މަހުގައި ލިބިފައިފުން ހިމެނޭ ކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން، މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮގަސްޓު 2022 ގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ އޮގަސްޓު 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މި ފީ އޮގަސްޓު 2021 ގައި ލިބިފައެއް ނުވެއެވެ.

އޮގަސްޓު 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %48.7 ނުވަތަ 645.81 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ %19.9 ނުވަތަ 263.86 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.50 މިލިއަން ރުފިޔާ (%5.8)، ގްރީން ޓެކްސްގެ ގޮތުގައި 73.09 މިލިއަން ރުފިޔާ (%5.5)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 69.43 މިލިއަން ރުފިޔާ (%5.2) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 196.28 މިލިއަން ރުފިޔާ (%14.8) ލިބިފައިވެއެވެ.

އޮގަސްޓު 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 46.10 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.