މީޑިއާތަކުން އެމަނިކުފާނަށް ނިސްބަތް ކޮށްވެސް އެއްޗެހި ގޮވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް އެފަދަ އެއްވެސް މީޑިއާއަކާ ދެކޮޅަށް އިސްވެ އެއްވެސް ފިޔަވަޅެއް ނާޅުއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ނޫސްވެރީންނަށް ލިބިފައިވާ މިނިވަންކަމާއެކު އެ މަސައްކަތް ކުރިއަށް ގެންދަންވީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ވާނީ މީޑިޔާއަށް މިނިވަންކަން ދީފައި ކަމަށާއި އެކަން ހެޔޮގޮތުގައި ބޭނުންކުރައްވައި އެ މަސައްކަތް ވެސް އެންމެ ރަނގަޅުގޮތުގައި ކޮށްދިނުމަށް ނޫސްވެރިންގެ ކިބައި މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
މޯލްޑިވްސް މީޑިޔާ ކައުންސިލާއި, ބްރޯޑް ކާސްޓިންގ ކޮމިޝަނާއި, ޝަހީބު މީޑިޔާ ގުޅިގެން ދެހަފްތާގެ މުއްދަތަށް ކުރިއަށްގެންދިޔަ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މީޑިއާއޮތީ ތަރައްގީވެފައިވާ އަދި ތަރައްގީވާ މުޖުތަމައެއްގެ މީޑިޔާ އޮންނަންވީ ގޮތަށްތޯ ސުވާލު ކުރަންޖެހޭ ކަމަށެވެ.
ކުރިއަށް އޮތީ ސިޔާސީގޮތުން ހަލަބޮލި ދުވަސްތަކެއްކަން ފާހަގަކުރައްވާ މިނިސްޓަރ އެދިވަޑައިގެންނެވީ އަދުލުވެރިކަމާއި, ޒިންމާދާރުކަމާއެކުގައި މީޑިޔާގެ މަސައްކަތްކުރެވި ޤައުމަށް އެންމެ ފައިދާވާގޮތަށް މައުލޫމާތުތައް ފޯރުކޮށްދެވި, އެކަންކަން ބައްޓަންކޮށްދެއްވުމަށެވެ.
ކޯސް ފުރިހަމަކުރެއްވި ބައިވެރިންނާ މުހާތަބުކުރައްވާ މިނިސްޓަރ ވިދާޅުވީ ރަނގަޅު ގޮތުގައި ކަމެއް ކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ އެކަމެއް ރަނގަޅު ދަސްކުރުންކަމަށެވެ. އެހެން ކަމުން މިނިސްޓަރ އެދިވަޑައިގެންނެވީ ކޯސް ނިންމި ބައިވެރިން ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކޮށްދެއްވުމަށެވެ.