2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ޒަމާނުއްސުރެ ގެއްލުންވަމުންއައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ނިމިދިޔަ އަހަރު އަހަރު 35 މިލިއަން ރުފިޔާގެ ފައިދާ އާއިއެކު ތާރީޙު ބަދަލުކޮށްފިއެވެ.

ފެނަކައިން ބުނީ ސާފު ފައިދާގެ ގޮތުގައި 35 މިލިޔަން ރުފިޔާ ނެރެވުނުކަން 2019 ވަނަ އަހަރުގެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ކަށަވަރު ކުރެވިގެން ދިއުމަކީ ކުންފުނި ހިންގުމުގައި އިޚްލާޞްތެރިކަން އިސްކޮށް، އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ހެޔޮ ނިޔަތް ކުރިއަށް ނެރުމުގެ ނަތީޖާކަން ކަށަވަރު ވެގެން ދިޔަ ކަމެއް ކަމަށެވެ.

އޮޑިޓް ރިޕޯޓާއި ގުޅިގެން ފެނަކައިން ނެރުނު ބަޔާނުގައި ވަނީ، 18 ޑިސެމްބަރ 2018 ވަނަ ދުވަހުން ފެށިގެން މިއަދާހަމައަށް، ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދީ، ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރެވުނު ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން، 49 އާ އިންޖީނުގޭގެ މަސައްކަތް މުޅިން އަލަށް ފަށައި، 20 އިންޖީނުގެ އެއްކޮށް ނިންމައި، ކަރަންޓުގެ 77 މެގަވަޓް އިންސްޓޯލްކޮށް، މުޅި ރާއްޖޭގެ ހުރިހާ އިންޖީނުގެއެއް ސިންކްރޮނައިޒް ކުރެވި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރެވި، ޙައްލެއް ނުލިބި ޒަމާންވެ ދިގުލައިގެން ގޮސްފައިވާ ނަރުދަމާ ނިޒާމުތަކަށް ޙައްލު ހޯދައިދީ، ރައްކާތެރި ފެނުގެ ޚިދުމަތް ކަށަވަރު ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެވުނު ކަމަށެވެ.

18 ޖޫން 2012 ވަނަ ދުވަހު ވުޖޫދުވުމަށްފަހު 2018 ވަނަ އަހަރުގެ ނިޔަލަށް މާލީ ގޮތުންނާއި ޢުމްރާނީ ގޮތުންނާއި ހިންގުމުގެ ގޮތުން އަދި އިޖްތިމާޢީ ގޮތުން ލަދުވެތި ޙާލަތެއްގައި ހިންގަމުން އައި ކުންފުންޏެއް މިއަދު އެދާއިރާތަކުން މި ހޯދި ކާމިޔާބަކީ ދިވެހި ތާރީޚުގައި ސަރުކާރު ޙިއްސާވާ ކުންފުންޏަކުން ދައްކުވައިދިން އެންމެ ތަފާތުބޮޑު ބަދަލުކަމީ ދެބަސް ވެވެން ނެތް ޙަޤީޤަތެއް ކަމަށް ފެނަކައިގެ ބަޔާނުގައި ވެއެވެ.

ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މާޒީގައި ކޮށްފައި ނުވާ ޢަދަދުތަކުން މާލީ ބޮޑެތި ހޭދަތައް ކޮށް، ނަތީޖާ ދައްކުވައިދީ މާލީގޮތުން ފުދުންތެރި، އިޖްތިމާޢީ ގޮތުންނާއި ޢުމްރާނީ ގޮތުން އަދި ޚިދުމަތުގެ ގޮތުން ދުޅަހެޔޮ، ހިންމުގުމުގެ ގޮތުން ހަރުދަނާ ކުންފުންޏެއްގެ ގޮތުގައި ހިންދެމިލެވުމަކީ ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުމަށް ގެނެވުނު އިންޤިލާބީ ބަދަލު ސާބިތުކޮށްދޭ އަސާސީ ހެއްކެއްކަމަށް ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ވައްކަމާއި ފަސާދައާއި ކޮރަޕްޝަނާއި އިސްރާފުގެ މުޑުދާރުކަމުން ކުންފުނި ސަލާމަތްކުރެވިގެން ގޮސްފައިވާކަމަށާއި ނަތީޖާއިން ދައްކުވައިދެނީ ކުންފުނީގައި ނަޒާޙާތްތެރިކަން އޮތް މިންވަރުކަމަށެވެ. އަދި ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުންޏާމެދު ނުރަނގަޅު ތަޞައްވުރެއް އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބިގެން މިދިޔައީ ނުހަނު ފުރިހަމަ ޖަވާބެއްކަމަށް ސައީދު ވިދާޅުވިއެވެ. ހަމައެހެންމެ ފެނަކައިން، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން އިޢުލާންކޮށް ޢަމަލުކުރަމުންދާ ސިޔާސަތާ އެއްގޮތަށް އެންމެ ފުރިހަމަ ނަތީޖާ ދައްކުވައިދީފައިވާކަމަށް ފެނަކައިން ބުނެއެވެ.

ބަޔާނުގައި އިތުރަށް ފެނަކައިން ބުނެފައިވަނީ، ކާމިޔާބުގެ އުފާވެރި މިވަގުތުވެސް ކުންފުނިން ރައްޔިތުންނަށް ދޭނެ ޔަޤީންކަމަކީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، ދެގޮތެއްނުވެ ދެމިތިބޭނެކަމާއި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރާ މަސައްކަތްތައް މަޑުޖެހުމެއް ފަސްޖެހުމެއްނެތި އަވަސްމިނުގައި ކުރިއަށް ގެންގޮސްދޭނެ ކަމަށެވެ.

ނިމިދިޔަ ރައީސް ޔާމީންގެ ދައުރުގައި ފެނަކަ ކުންފުނީގެ އިސްބޭފުޅުންނަށް ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކުރެވިގެންގޮސްފައިވެއެވެ.