މިހާރު ކުރިއަށްދާ ސަތާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި ސްރީލަންކާ އަތުން 1-0 އިން ރޭ ރާއްޖޭގެ ޒުވާން ގައުމީ ޓީމު ބަލިވުމުން މުބާރާތުގެ ސެމީފައިނަލުން ޖާގަ ނުލިބި ކަޓައިފިއެވެ.
ލަންކާގައި ކުރިއަށްދާ މިމުބާރާތުގައި ލަންކާ އަތުން ރާއްޖެ ބަލިވެފައި މިވަނީ ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން 5-0 ގެ ބޮޑު ތަފާތަކުން ބަލިވެފައި ވަނިކޮށެވެ.
މުބާރާތަށް ގުރުނެގިއިރު ރާއްޖެ އާއި ބުޓާން ހިމަނާފައި ވަނީވެސް އެންމެ ދަށް 2 ގައުމުގެ ގޮތުގައި ބަލައި ޕޮޓް 3 ގައެވެ. ރާއްޖެ ހިމެނުނު ގްރޫޕް "އޭ" އިން ސެމީފައިނަލުން ޖާގަ ހޯދީ ބަންގްލަދޭޝް އާއި ލަންކާއެވެ. ގްރޫޕް "ބީ" އިން ސެމީގެ ޖާގަ ހޯދީ ނޭޕާލް އާއި އިންޑިޔާއެވެ. އިއްޔެ ނޭޕާލުން ވަނީ ހައިރާން ކުރުވަނިވި ގޮތަކަށް އިންޑިޔާގެ މައްޗަށް 3-1 އިން ކުރި ހޯދާފައެވެ.
ރާއްޖޭގެ އުމުރު ފުރާތަކުގެ ގައުމީ ޓީމުތަކަށް ސަރަހައްދީ މުބާރާތްތަކުގައި މިފަހަފުން މެޗަކުން މޮޅުވެވިފައި ނުވާއިރު މިދިޔަ އޮގަސްޓް މަހުގެ ކުރީ ކޮޅުގައި ނިމުނު ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައިވެސް އެއްވެސް މެޗަކުން މޮޅެއް ނުހޯދި ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ޕޮއިންޓެއް ހޯދުނީ ހަމައެކަނި ލަންކާ އަތުންނެވެ.