ޖުވެނައިލް ކޯޓުގެ ގާޒީ ޢަބްދުލް ބާރީ ޔޫސުފް އާއި ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގް މުހައްމަދު ފަނޑިޔާރު ކަމުގެ މަޤާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ގާޒީ ބާރީ ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށް މަޖިލީހުގެ 62 މެމްބަރުން ވޯޓުދެއްވިއިރު، އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގް ވަކި ކުރުމަށް 61 މެމްބަރުން ވޯޓުދެއްވިއެވެ.

ގާޒީ ބާރީ ސަސްޕެންޑް ކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އެންގުމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.ގާޒީކަމުން ބާރީ ވަކިކުރަން ހުށަހެޅީ މި މަހު އެވެ.

ގާޒީ ބާރީއާ ގުޅިގެން ޖޭއެސްސީން ބަލާފައިވާ މައްސަލަތައް:

އެމްއެމްޕީއާރްސީ މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން ޤާޟީ ޢަބްދުލްބާރީ ޔޫސުފު މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ

މެއި 2014 އިން ފެބްރުއަރީ 2018 އަށް ޤާޟީ ޢަބްދުލްބާރީ ޔޫސުފް ޢަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވި މައްސަލައާއި މި މުއްދަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މި ވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަޙްޤީޤުކޮށްފައިވާ މައްސަލަ

ކުރީގެ ނައިބްރައީސް އަދީބު ޢަބްދުލްޣަފޫރުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ޤާޟީ ޢަބްދުލްބާރީ ޔޫސުފު ބައިވެރިވިކަން

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޙުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ޙުކުމުގެ ކޮޕީއެއް އެއިރުގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ފޮނުވުމަށް ޤާޟީ ޢަބްދުލްބާރީ ޔޫސުފު އެޙުކުމް ދިންކަން

ޤާޟީ ޢަބްދުލްބާރީ ޔޫސުފަށް ފްލެޓެއް ބޭނުންވުމުން، ޤާޟީ ޢަބްދުލްބާރީ ޔޫސުފުގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން

އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން 500,000.00 (ފަސް ލައްކަ) ދިވެހި ރުފިޔާ ޤާޟީ ޢަބްދުލްބާރީ ޔޫސުފަށް ދީފައިވާކަން

ގާޒީ ބާރީގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދިޔަ ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމުގައި ހުންނެވިއެވެ.

މީގެ އިތުރުން ޖޭއެސްސީން ބަލާފައިވާ ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގް މުހައްމަދު ވަނީ ދ. އެނބޫދޫ ގޯއްޗެއްގައި ކޮށްފައިވާ ޢިމާރާތުގެ އަގު ހޯދުމަށް، މީހަކު އޭނާގެ އަނބިމީހާގެ މައްޗަށް ދަޢުވާ ކޮށްފައިވާ މައްސަލައަކާއި އެއްވެސް ސަބަބެއް ނެތި އަނބިމީހާ ވަރިވާން އުޅޭކަމަށް ބުނެ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެއްގައި ގޮތް ނިންމާފައިވަނިކޮށް، އެ ދެ ޤަޟިއްޔާ ހިންގުމަށްޓަކައި މެޖިސްޓްރޭޓް ޢަބްދުއް ރައްޒާޤް މުޙައްމަދު ކޯޓުގެ ކޯޓު އަމުރު ނެރެ، ދަޢުވާ ރައްދުވާ ފަރާތް ބަންދުގައި ބަހައްޓައިގެން ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށް، އެ ދެ މައްސަލަ ކުރިއަށް ގެންގޮސްފައެވެ.