ބަނގްލަދޭޝަށް އައި ސިޔާސީ ބަދަލުތަކާއެކު ޗައިނާއިން ބަންގްލަދޭޝްއާ ގުޅުން ބަދަހި ކޮށްފިއެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވެރިކަމުން ދުރުކުރުމާ ގުޅިގެން ޗައިނާއިން ވަނީ ޑރ. ޔޫނުސްގެ ވަގުތީ ސަރުކާރާއެކު ވަށައި ޖެހޭ ސްޓްރެޓެޖިކް ޕާޓްނަޝިޕް އިތުރުކުރުމަށް ރާވާފައިވާ ކަމުގެ އިޝާރާތެއް ދީފައެވެ. އަދި ޗައިނާގެ ނުފޫޒު ބަނގްލަދޭޝްގައި ވަރުގަދަ ކުރުމަށް އަވަސް މުހިންމު ފިޔަވަޅުތަކެއް އެޅުމަށްވެސް ނިންމާފައި ވެއެވެ.

ޗައިނާއިން ބަނގްލަދޭޝަށް ސަމާލުކަން ދިނުމުން ދައްކުވައިދެނީ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރުއައި) ގެ މުހިއްމު ދައުރެއް އަދާކުރާ ބަންގްލަދޭޝްއަށް ބެއިޖިންގެ ސްޓްރެޓެޖިކް ޝައުގުވެރިކަން އިތުރުވެފައިވާ ކަމެވެ.

ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ބަންގްލަދޭޝްގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ ކަމަށްވާ ޗައިނާއިން ވަނީ އިންފްރާސްޓްރަކްޗާއަށް ބޮޑު އިންވެސްޓްމަންޓެއް ބަނގްލަދޭޝްގައި ކޮށްފައެވެ. މަގުތަކާއި ބްރިޖްތަކާއި އިންޖީނުގެ ފަދަ މަޝްރޫއުތަކުގެ ތެރެއިން 550،000 ވަޒީފާ އުފައްދާ ދީފައި ވެއެވެ. އަދި އަސްކަރީ ގުޅުން ފުޅާކޮށް، 2019 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގެ ހަތިޔާރުގެ %72 ފޯރުކޮށްދީ ފައިވަނީ ޗައިނާއިންނެވެ.

ޗައިނާއިން ހަދާދީފައިވާ ސަބްމެރިންތައް ބާއްވާފައި ހުންނަ "ޝެއިޚް ހަސީނާ" ނޭވަލް ބޭސް އަކީވެސް ޗައިނާއިން ހަދާދީފައިވާ ތަނެކެވެ.

ބެއިޖިން އިން ދަނީ އެގައުމުގެ ސޮފްޓް ޕަވަރވެސް ބޭނުން ކުރަމުންނެވެ. އެގޮތުން، ބަންގްލަދޭޝްގެ ޒުވާނުންގެ މެދުގައި ޗައިނާއަށް ތާއީދު އިތުރު ކުރުމަށްޓަކައި ޗައިނާ ބަހާއި ސަގާފަތް އާލާކުރުމަށް، ކޮންފޫޝިއަސް އިންސްޓިޓިއުޓްސް ފަދަ ސޮފްޓް ޕަވަރ ޓޫލްތައް ބޭނުންކޮށްގެންނާއި ސްކޮލަޝިޕްތައް ދީގެން ސަޕޯޓު ހޯދަމުންދެއެވެ. ނަމަވެސް މިފަދަ މަސައްކަތްތައް ޗައިނާއިން ކުރަމުން ދާއިރު، ބެއިޖިންގއިން ދީފައިވާ ލޯނުތަކުގެ އިންޓަރެސްޓް ބޮޑު ކަމުގެ ޝަކުވާއަކީ ބަންގްލަދޭޝްއިން ކުރިންވެސް ކޮށްފައިވާ ޝަކުވާއެކެވެ. މި ލޯނުތަކުން ހަދާފައިވާ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުން ބަނގްލަދޭޝްއިން ބެއިޖިންއަށް ބަރޯސާވުން އިތުރު ވެފައި ވެއެވެ. އަދި މިކަންކަމުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދާއި ބޭ އޮފް ބެންގޯލް ސަރަހައްދުގެ ޖިއޮޕޮލިޓިކަލް ޑައިނަމިކްސް އަލުން ބައްޓަންވުމުގެ ނުރައްކާ އޮތް ކަމަށް ފާޑުކިޔާ ފަރާތްތަކުން އިންޒާރު ދެއެވެ.

ޗައިނާގެ މަސްލަހަތުތައް ބޭ އޮފް ބެންގޯލް ސަރަހައްދުގައި އިތުރުވަމުންދާ ވަރަކަށް، ޗައިނާ، އިންޑިއާ އަދި ދުނިޔޭގެ އެހެން ބާރުތަކާ ގުޅުން ބަދަހި ކުރުމަށް ބަންގްލަދޭޝްގެ ގުޅުން ބެލެންސް ކުރުމުގެ މުހިންމު ކަމަށް އެފަރާތްތަކުން ދެކެއެވެ. ނޫންނަމަ، ކުރިމަގުގައި އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު އެފަރާތްތަކުން ދެއެވެ.