އޭއެފްސީ އޭޝިޔަން ކަޕް ވިހި އަހަރުން ދަށުގެ ކޮލިފިކޭޝަނުގައި މިރޭ ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އުޒްބެކިސްތާން އަތުން 7-0 ގެ ލަދުވެތި ނަތީޖާއަކުން ބަލިވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ޕްރިންސް މުހައްމަދު ބިން ފަހްދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި އުޒްބެކިސްތާނުން ވަނީ ރާއްޖޭ ކޮޅަށް ފުރަތަމަ ހާފުގައި 6 ލަނޑު ކާމިޔާބު ކޮށްފައެވެ. މީގެ ތެރެއިން 3 ލަނޑު ޖެހީ ފުރަތަމަ ފަނަރަ މިނެޓުގައެވެ. އުޒްބެކިސްތާނުން ރާއްޖެ ކޮޅަށް ޖެހި 7 ލަނޑުގެ ތެރެއިން 3 ލަނޑު ޖެހީ މިޑްފީލްޑަރު މުހައްމަދާލީ އޮސްމަނޯވްއެވެ.

ކޮލިފައިންގެ އުޒްބެކިސްތާނުގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕް "އޭ" ގައި ދެން ހިމެނެނީ ސައުދީ އަރަބިއްޔާ އާއި ޗައިނާ އާއި މިޔަންމާއެވެ. ރާއްޖޭގެ ދެވަނަ މެޗުގައި ކުރިއަށް އޮތް ހޯމަ ދުވަހު ބައްދަލު ކުރާނީ ސައުދީއާއެވެ.

އޭއެފްސީ ވިހި އަހަރުން ދަށުގެ ކޮލިފިކޭޝަނުގައި ރާއްޖެ ބޮޑު ތަފާތަކުން އުޒްބެކިސްތާން އަތުން ބަލިވެފައި މިވަނީ، މިހާރު ނޭޕާލްގައި ކުރިއަށްދާ އަންހެން ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އަންހެން ގައުމީ ޓީމު މިއަދު ހަވީރު އިންޑިޔާ އަތުން 9-0 ގެ ލަދުވެތި ނަތީޖާއަކުން ބަލިވެފައި ވަނިކޮށެވެ. މީގެ އިތުރުން މިހާރު ސްރީލަންކާގައި ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީފައިނަލުން ފުރުސަތު ނުލިބި ޒުވާން ގައުމީ ޓީމު އިއްޔެ ވަނީ ކަޓާފައެވެ.