ސްޕެނިޝް ލަލީގާ ގައި ރޭ ކާޑިޒް 0-4 އިން ބަލިކޮށް ވަގުތީ ގޮތުން ތާވަލުގެ އެއްވަނަށް ބާސެލޯނާ ޖެހިލައިފިއެވެ.

ބަދަލު ތަކަކާއެކު ނިކުތް ބާސެލޯނާއަށް މިމެޗުގެ ފުރަތަމަ ހާފުގައި ކާޑިޒްގެ ގޯލު ހުޅުވާލެވޭ ގޮތެއް ނުވިއެވެ. އެންމެފަހުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު 4 މެޗުންވެސް ބަލިނުވެ ފަރުޖައްސާފައިވާ ކާޑިޒްގެ ގޯލަށް ފުރަތަމަ ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ ބްރެޒިލްގެ ވިންގަރ ރަފީނާއެވެ. ކާޑިޒްގެ އޭރިޔާގެ ބޭރުން ރަފީނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ފުރަތަމަ ހާފް އެއްކޮށް ކަހަލަ ގޮތަކަށް ބާސާއިން ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު ކާޑިޒަށް ބާސާގެ ގޯލު ޓެސްޓް ކޮށްލެވޭ ވަރެއް ނުވިއެވެ. ފުރަތަމަ ހާފުގައި ކާޑިޒަށް ފުރިހަމަ ކުރެވުނީވެސް އެންމެ 50 ޕާސްކަން ފާހަގަ ކޮށްލެވެއެވެ.

ދެވަނަ ހާފް ފަށައިގެން ވަރަށް ބޮޑަށް ލަނޑެއް ޖެހުމަށް ބާސާއިން މަސައްކަތް ކުރަމުން ދަނިކޮށް މަސައްކަތް ކާމިޔާބުވީ 55 ވަނަ މިނެޓުގައި ނެދަލޭންޑްސްގެ ބައިނަލްއަގުވާމީ މިޑްފީލްޑަރު ފްރޭންކް ޑިޔޯންގެ ލަނޑުންނެވެ. މިއީ ސްޕެއިނުގެ އުއްމީދީ މިޑްފީލްޑަރު ގަވީ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ލަނޑެކެވެ.

ބާސާގެ އެޓޭކްތައް ވަރުގަދަ ވެގެންދިޔައީ 57 ވަނަ މިނެޓުގައި ފެރަން ޓޮރޭޒްގެ ބަދަލުގައި ޑެމްބެލޭ، އެމްފިސް ޑިޕާއީގެ ބަދަލުގައި ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީ އަދި ގަވީގެ ބަދަލުގައި ޕެޑްރީ ކުޅެން އެރުވި ހިސާބުންނެވެ. ކުޅެން އެރިތާ 8 ވަނަ މިނެޓުގައި ލެވަންޑޮސްކީ ވަނީ ލަނޑެއް ޖަހައި ބާސާގެ ލީޑް ފުޅާ ކޮށްދީފައެވެ. މިއީ ލަލީގާގައި ލެވަންޑޮސްކީ ޖެހި 6 ވަނަ ލަނޑެވެ. މެޗުގެ 80 ވަނަ މިނެޓުގެ ކުޅުން ހިނގަމުން ދަނިކޮށް ސަޕޯޓަރަކަށް ދިމާވީ ސިއްހީ މައްސަލައަކާ ގުޅިގެން ވިއްސަކަށް މިނެޓަށް ކުޅުން މެދުކަނޑާލަން ޖެހުނެވެ. ބާސާގެ އަނެއް ދެނޑު ޖެހީ އަލުން ކުޅުން ފަށައިގެން 86 ވަނަ މިނެޓާއި އަދި މެޗުގެ އިތުރު ވަގުތުގައެވެ. މީގެ ތެރެއިން ފުރަތަމަ ލަނޑަކީ ލެވަންޑޮސްކީ ތަނަވަސްކޮށްދިން ފުރުސަތަކުން އަންސޫ ފާޓީ ކާމިޔާބު ކުރި ލަނޑެކެވެ. ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މިސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ޑެމްބެލޭއެވެ.

މިސީޒަނުގައި ބާސާ ބަލިނުވެ ރެކޯޑް ދަމަހައްޓަމުން އަންނައިރު ކާޑިޒް މިވަނީ ލީގުގައި މިސީޒަނުގައި މިހާތަނަށް ކުޅުނު 5 މެޗުންނެވެ ބަލިވެފައެވެ.

މިމޮޅާއެކު ވަގުތީ ގޮތުން ތާވަލުގެ އެއްވަނަ ބާސާއަށް ލިބެނީ މިހާތަނަށް ކުޅުނު 5 މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ 4 މެޗުް 12 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ. ރާއްޖޭ ގަޑިން މިއަދު ހަވީރު 17:00 ގައި ރެއާލް ނިކުންނާނީ އަމިއްލަ ދަނޑުގައި މަޔޯކާއާ ދެކޮޅަށެވެ.