އެމްޑީޕީ ސަރުކާރުގެ ޖަޒީރާ ދިރިއުޅުމަށް އިތުރު ހަކަތަ ދަނީ ލިބެމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ފާއިތުވި 70 އަހަރުން އަތޮޅުތަކުގައި ގާއިމުކޮށްފައިހުރި ކަރަންޓް މެގަވޮޓްގެ ޖުމްލަ ޢަދަދު މިހާރު ދެގުނަ އިތުރުކޮށް، ކަރަންޓް ދިނުމުގެ މުޅި ނިޒާމަށް ހެޔޮ ބަދަލެއް ގެނެސްދީފައިވާނޭ ކަމަށެވެ.

"ބާވެ ހަސްނެތި އުވެމުން، ނިވެމުން، ކަނިވަމުންދާ ހުރިހާ އިންޖީނުގެތަކުގެ ގަދައަޑާ، ބޯދުމާ، ގެނދަބުޅިން، ރައްޔިތުން މިންޖު ކުރުމުގެ ބޮޑު މަޝްރޫޢު، ފެނަކައިން ހިންގަމުން އެބަގެންދޭ. އާ ޖޯރަކާ އިތުރު ހޯސްޕަވަރުގެ ޖަނަރޭޓަރުތައް، ޒަމާނީ އާއިންޖީނުގެ ތަކުގާ އެދަނީ ބަހައްޓަމުން. ޖަޒީރާ ދިރިއުޅުމަށް އިތުރު ހަކަތަ އެދަނީ ލިބެމުން. ދުރު އަދި މެދު ރާސްތާގައި، އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ އަމާޒަށް ސަރުކާރުން މިދަނީ މަސައްކަތްކުރަމުން"
ރައީސުލްޖުމްހޫރިއްޔާ

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ހުރިހާ ސިޔާސަތެއް މިހާރު ފަރުމާވެ ހިނގަމުންދަނީ ލާމަރުކަޒީ ނިޒާމަކީ މައިގަނޑު އަސާސްކަމުގައި ބަލައިގެން އެއްރަށް އަނެއް ރަށާ ގުޅި ލާމެހިގެން ހިނގާ ޖަޒީރާ ދިރިއުޅުމަށް މަގުފަހިވާގޮތަށްކަމަށެވެ.