ލާމަރުކަޒީ ނިޒާމް ފައްކާކުރުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ކެމްޕެއިން ވައުދެއްގެ ގޮތުގައި ވިދާޅުވެފައިވާ ބަސްފުޅެއްނޫން ކަމަށާއި, އެއީ މި ޖަޒީރާ ރާއްޖޭގެ ވެރިކަން ހިނގަންޖެހޭނެކަމަށް އެމަނިކުފާނު އީމާންވެވަޑައިގަންނަވާ ގޮތްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން ވިދާޅުވީ އޭގެ އިތުރުން އެ ނިޒާމަކީ ރައީސް ސާލިހުގެ ޕެޝަންއާއި އެމަނިކުފާން ވެރިކަންކުރެއްވުމުގެ ވައްޓަފާޅިއާއި ސްޓައިލްކަމަށެވެ.

ކޮންމެ ދުވަހަކު އަމަލީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އެކަން ދައްކަވަމުން ތަޖުރިބާކުރައްވަމުން ގެންދަވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ތިންވަނަ ވިއަވަތި ޕްރޮގްރާމް ފެށްޓެވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

" މިކޮންފަރެންސްތަކާއި, ކޮންފަރެންސް ތަކުގައި ދެއްކޭ ވާހަކައާއި ނިންމާ ނިންމުންތަކާއި އަމަލުކުރެވޭގޮތް މިއީ މިކަމުގެ ފުރިހަމަ ހަޤީޤަތް. އަދި މިއަށްވުރެވެސް ވަކިން ޚާއްޞަކޮށް މިއަދު އެދެއްކެވި ވާހަކަފުޅުތައް މިކަމުގެ އަސްލެއްކަމުގައި ފުދޭ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިފަދައިން މިދައުރު ނިންމުމަށްފަހު މިއަދު ރައީސް އަތޮޅުތަކަށް ފަތުރާލައްވާފައިވާ މިނިޒާމް އަނބުރާ އިންޗިއަކަށްވެސް ފަހަތަށް ޖައްސާލަން އެއްވެސް ބޭފުޅަކަށް ދެން ފުރުޞަތުދެވިގެން ނުވާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ޢަބްދުالله ވިދާޅުވީ ޤައުމެއް ތަނަވަސްވިކަމަށްވާނީ އެޤައުމެއްގެ ހުރިހާ ރައްޔިތުން ތަނަވަސްވުމުންކަމަށެވެ. އަދި ޤައުމަކަށް އުފާވެރިކަން ލިބިގެންދާނީ އެޤައުމެއްގައި ހިމެނޭ އެންމެ ނިކަމެތި, އެންމެ ފަޤީރު މީހާވެސް އުފާވުމުންކަމަށެވެ. ދިވެހިރާއްޖެ ތަރައްޤީވާނީ މީހުން ދިރިއުޅޭ ހުރިހާ ޖަޒީރާތައް އެއްވަރަކަށް ތަރައްޤީވުމުންކަން ކަމަށް ވެސް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ހުރިހާ ޖަޒީރާތައް ތަރައްޤީކުރެވޭނީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ރާއްޖޭގައި ޤާއިމްކުރެވުމުންކަމަށެވެ. މިނިޒާމް އިތުރަށް ފުރިހަމަކުރުމަށް ދެން ކުރަންއޮތް އެންމެ މުހިއްމު ކަމަކީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިފަދައިން ފުރިހަމަގޮތެއްގައި މިހުރިހާ ފަރާތްތައް ހިމެނޭ މަޝްވަރާ ފުޅާދާއިރާއެއްގައި ގެންދެވުންކަމަށް ވިދާޅުވިއެވެ. މިއަދު މިކުރަމުންދާ މަސައްކަތަކީ އެމަޝްވަރާތައް ކުރިއަށްގެންދެވުންކަން މިނިސްޓަރ ވިދާޅުވިއެވެ.