ހެޔޮވެރިކަމެއްގައި ހުންނަންޖެހޭ އެންމެ މުހިއްމު ސިފަތައް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި އެބަހުރިކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާރޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރޮޓީގެ ރައީސް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ޚާއްޞަކުރައްވައިގެން ލ.އަތޮޅުގައި ކުރިއަށްގެންދަވާ ވިއަވަތި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ހެޔޮވެރިކަމެއްގައި ހުންނަންޖެހޭ އެންމެ މާތް, އެންމެ މަތިވެރި, އެންމެ މޮޅު, އެންމެ ވިދާ ބަބުޅާ ސިފައަކީ ފުރިހަމަ ސިފައިގައި އެންމެން އެކުގައި މަޝްވަރާކުރުންކަމަށެވެ. އެކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާކަން މިނިސްޓަރ ވިދާޅުވިއެވެ.

"ރައްޔިތުންނާމެދު އޮންނަންޖެހޭ އޯގާވެރިކަން, ރައްޔިތުންނާމެދު އޮންނަންޖެހޭ ގާތްކަން, މިއަދުގެ މިވެރިކަމުން އެސިފަތައް އެންމެ ރީތިގޮތުގައި ފުރިހަމަގޮތުގައި ފެންނާތީ މިއެންމެން މިތަނަށް އެއްވެ މިތިބީ. އެކަންކުރަން އަޅުގަނޑުމެން އައިސް މިތިބީ. އެކަމުގެ ނަތީޖާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެންނާނެ." މިނިސްޓަރ ވިދާޅުވިއެވެ.