ބިނާވެށީގެ ޕްލޭން ތައްޔާރުކުރުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ޤާނޫނު ބަދަލުކުރަންޖެހޭ ނަމަ އެކަން ކުރުން މުހިއްމުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ލ.ގަމުގައި މިހާރުކުރިޔަށްދާ، ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ދެވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލުތަކާ އެއްގޮތަށް ބިނާވެށި ޕްލޭންތައް އެކުލަވާލުމަށް ކައުންސިލްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ހާމަވެފައިވާކަމަށެވެ. އެކަމުގެ ސަބަބުން ރަށްރަށުގެ ތަރައްޤީއަށް ކުރަން ހުރި މަސައްކަތްތަކުގައި ހުރަސްތައް ހުރިކަން ކައުންސިލްތަކުން ފާހަގަކުރައްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން ޤާނޫނަށް އިސްލާޙް ގެނެސްގެން ނަމަވެސް އެކަމަށް ލުއި ފަސޭހަ މަގެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މިޕެނަލް ޑިސްކަޝަންގެ ތެރޭގައި ވަނީ، ބިނާވެށި ޕްލޭން އެކުލަވާލުމުގައި ދިމާވެފައިވާ ދަތިތަކަށް ޕްލޭނިންގ މިނިސްޓްރީއިން ހުށަހަޅުއްވާފައިވާ ޙައްލުތަކާ ގުޅޭ ވީޑިއޯއެއްވެސް ދައްކާފައެވެ. މީގެ އިތުރުން، ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ، ބިނާވެށީގެ ޕްލޭންތައް ހެދުމުގައި ކައުންސިލްތަކަށް ފަސޭހައިން އެކަން ކުރެވޭނެ ގޮތްތައް ވިދާޅުވެދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖެއިން މިހާތަނަށް ލޭންޑް ޔޫސްޕްލޭންތައް މިނިސްޓްރީއަށް ފޮނުއްވާފައިވަނީ ފަސްދޮޅަހަކަށް ރަށުން ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވިއެވެ، އަދި މިފަހަރުގެ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވާ ރަށްރަށުގެ ތެރެއިން، މިނިސްޓްރީއަށް ލިބިފައި ވަނީ 11 ރަށެއްގެ ބިނާވެށީގެ ޕްލޭން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރެއިން 7 ރަށެއްގެ ބިނާވެށީގެ ޕްލޭނުގައި މައްސަލަތައް ފާހަގަވެ ފާސްނުވާކަން މިނިސްޓަރ ފާހަގަ ކުރެެއްވިއެވެ.

މީގެ އިތުރުން މިސެޝަންގައި ވެސް ވަނީ، ފަނޯއްލަ ދަރުބާރުގައި މަޝްވަރާކުރެވުނު ކަންކަމާ ގުޅޭގޮތުން ކައުންސިލަރުންގެ ފަރާތުން ޕްރެޒެންޓޭޝަނެއް ހުށައެޅުމުގެ އިތުރުން، ފަނޯއްލަ ދަރުބާރުގައި، ކައުންސިލަރުން މަޝްވަރާކުރައްވައި ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުންނާ ކައުންސިލަރުން ފާހަގަކުރައްވަން ބޭނުންވެލައްވާ އިތުރު ކަންކަން ފާހަގަކުރެއްވުމަށް ވެސް ޕެނަލް ޑިސްކަޝަންގެ ތެރެއިން ފުރުޞަތު ދެއްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މިގޮތުން ކައުންސިލްތަކުގެ ފަރާތުން ފާހަގަކުރެއްވި، ކަންތައްތަކުގެ ތެރޭގައި ބިނާވެށީގެ ޕްލޭންތައް ހެދޭނެ ފަދަ ފަންނީ މުވައްޒަފުން ކައުންސިލްތަކުގައި ނެތުމާއިއެކު، އެކަމަށް މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގައިދިނުން ހިމެނެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ތެރެއިން 107 ބޭފުޅުންނާއިއެކު، ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މާދަމާ ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ދެ ސެޝަންގެ މައުޟޫޢުއަކީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމާއި، ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމެވެ.