ރާއްޖޭގެ އައިސީޓީ ދާއިރާއަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަން ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން ބުނެފިއެވެ.

އައިސީޓީ ދާއިރާގައި ރާއްޖެ އޮތް ހާލަތު ދެނެގަނެ ގަތުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރުމަށްޓަކައި، ހޯމަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ސަބް ކޮމިޓީއަށް، ކޮމިއުނިކޭޝަން މިނިސްޓްރީގެ ސިޔާސީގެ ބޭފުޅުން ހާޒިރުކޮށް މައުލޫމާތު އޮޅުންފިލުވިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިޚް ވިދާޅުވީ މިވަގުތު މިނިސްޓްރީއަކީ 53 މުވައްޒަފުން މަސައްކަތް ކުރުމަށް އޮނިގަނޑެއް އެކުލަވާލާފައިވާ މިނިސްޓްރީއެއް ކަމަށާއި ނަމަވެސް މި ވަގުތު މަސައްކަތްކުރަމުންދަނީ ޖުމްލަ 17 މުވައްޒަފުން ކަމަށެވެ.

އަދި މި ދާއިރާ ކުރިއަރުވަން ބޭނުން ނަމަ އެކުލަވާލެވިފައިވާ ސިޔާސަތުތައް އޮންނަން ޖެހޭ ކަމަށާއި ފަންނީ ބޭފުޅުންނަށް ދެވޭ އުޖޫރަ ރަނގަޅުވާންޖެހޭ ކަމަށާއި ސިވިލް ސަރވިސް އޮނިގަނޑުގެ ތެރޭގައި އެކަށީގެންވާ އުޖޫރައެއް ކަނޑައެޅިފައި ނުވާ ކަމަށްވެސް އަލީ ސޯލިހް ވިދާޅުވިއެވެ.