ހާފުގެ ތެރެއިން، ހާފުގެ މެދަކާ ހިސާބުން ހިފައިގެން ދިޔަ ބޯޅަ މަޔޯކާގެ ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން އުރުގުއޭގެ މިޑްފީލްޑަރު ފެޑްރީކޯ ވަލްވޭޑޭ ކާމިޔާބު ކުރި ހިތްގައިމު ލަނޑާއެކު މަޔޯކާގެ މައްޗަށް 4-1 އިން ކުރި ހޯދައި ރެއާލް މެޑްރިޑް އެނބުރި ތާވަލުގެ އެއްވަނަ މަގާމަށް މިރޭ ޖެހިލައިފިއެވެ.
ވަލްވޭޑޭގެ ހިތްގައުމު ލަނޑު ފެނުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އޭރު މަޔޯކާ އޮތީ 1-0 އިން ކުރީގައެވެ. ވަލްވާޑޭގެ ލަނޑާއެކު، ރެއާލްގެ ސެންތިއާގޯ ބެރްނަބާއޫ ސްޓޭޑިއަމްގައި ތިބި އެތައްހާސް ސަޕޯޓަރުންގެ އަޑުން ދަނޑު ގުގުމާލިއެވެ.
މެޗް އެއްވަރުވާން ދަނިކޮށް ރެއާލްއަށް ލީޑް ނަގައިދިނީ 72 ވަނަ މިނެޓުގައި ބްރެޒިލްގެ ވިންގަރ ވިނީޝިއަސް ޖޫނިއަރއެވެ. ރެއާލްގެ ލީޑް 89 ވަނަ މިނެޓުގައި އިތުރަށް ފުޅާކޮށްދިނީ ވިނީޝިއަސްއާއެކު ބްރެޒިލް ގައުމީ ޓީމަށް ކުޅޭ ފޯވާޑް ރޮޑްރީގޯއެވެ. ރެއާލްގެ ހަތަރު ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ޖަރުމަނު ގައުމީ ޓީމުގެ މުހިއްމު ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއެވެ. މިއީ މިފަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ޗެލްސީ ދޫކޮށް ރެއާލްއަށް ބަދަލުވި ރުޑިގާ، ރެއާލްއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
މެޗަށްފަހު ރެއާލްގެ ކޯޗް އަންޗެލޮއްޓީ ވަނީ ވަލްވާޑޭއަށާއި ރެއާލްގެ އެހެން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. "އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. މިޑްފީލްޑަރަކަށްވެސް އަދި ވިންގަށްވެސް އޭނާއަށް ކުޅެވޭ. އޭނާއަކީ ވަރަށް ވަރުގަދަ އެތުލީޓެއް" އަންޗެލޮއްޓީ ބުންޏެވެ.
މީގެ އިތުރުން އަންޗެލޮއްޓީ ބުނީ ސެޓްޕީސްއެއްގައި މެޗުގެ ކުރީކޮޅު ލަނޑެއް ޖެހުމުން މަޔޯކާއިން ކުޅުނީ ވަރަށް ބޮޑަށް ޑިފެންސިވް ގޭމެއް ކަމަށާއި އޭގެ ސަބަބުން މެޗް ތެރެއަށް ވަންނަން އުނދަގޫވި ކަމަށެވެ. "އެކަމަކުވެސް ކުޅުންތެރިން ފެނުނީ ވަރަށް ހަމަޖެހިލައިގެން މެޗް ތެރެއަށް ވަނުމަށް މަސައްކަތް ކުރި ތަން. އަހަރެމެންނަށް ފުރަތަމަ ހާފުގައި މާއެދެވޭ ކުޅުމެއް ނުދެއްކުނު. އެކަމަކު ދެވަނަ ހާފުގައި ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރި" މިދިޔަ ސީޒަނުގައި ރެއާލްއަށް ސްޕެނިޝް ލަލީގާ އާއި ޔުއެފާ ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދިން ކޯޗް އަންޗެލޮއްޓީ ބުންޏެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު 15 ޕޮއިންޓް ހަމަކޮށް ރެއާލް އެއްވަނައިގައި އޮތީ، ލީގުގައި މިހާތަނަށް ކުޅުނު 5 މެޗްވެސް ކާމިޔާބުކޮށް ސައްތައިންސައްތަ ރެކޯޑާކާއެކުއެވެ. ދެވަނައިގައި 13 ޕޮއިންޓާއެކު އޮތީ ވާދަވެރި ބާސެލޯނާއެވެ.