ޕާކިސްތާން 23 ލަނޑުން ބަލިކޮށް އޭޝިޔާ ކްރިކެޓް ކަޕުގެ ޗެމްޕިއަންކަން ސްރީލަންކާއިން ރޭ ހޯދައިފިއެވެ.

ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ޓޮސް ދިމާވުމުން ޕާކިސްތާނުން ގަސްދު ކުރީ ހޮވުމަށެވެ. ލަންކާއިން ކުޅެން އަރައި ވިހި އޯވަރު ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން 170 ލަނޑު ހެދިއެވެ. ލަންކާއިން އެންމެ ރަނގަޅަށް ކުޅުނީ 45 ބޯޅައިން 71 ލަނޑު ހެދި ބަނޫކާ ރާޖްޕަކްސާއެވެ. މިއާއެކު ބަނޫކާ ޓީ-20 ކްރިކެޓް މުބާރާތްތަކުގައި ހެދި ލަނޑުގެ އަދަދު 500 އަށް އެރީއެވެ. ލަންކާއިން ދެން އެންމެ ރަނގަޅަށް ކުޅުނީ 21 ބޯޅައިން 36 ލަނޑު ހެދި ވަނިންދޫ ހަސަރަންދާއެވެ. ހަސަރަންދާ ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. އޭނާ ވަނީ މިމުބާރާތުހައި 9 ވިކެޓްވެސް ނަގާފައެވެ.

ޖަވާބުގައި ކުޅެން އަރައި ޕާކިސްތާނަށް 20 އޯވަރު ތެރޭގައި ހެދުނީ 147 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 49 ބޯޅައިން 55 ލަނޑު ހެދި މުހައްމަދު ރިޒްވާނެއެވެ. ރިޒްވާން ވަނީ މުޅި މުބާރާތުގައި 281 ލަނޑު ހަދައިގެން އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. ޕާކިސްތާނުން ދެން އެންމެ ރަނގަޅަށް ކުޅުނީ 31 ބޯޅައިން 32 ލަނޑު ހެދި އިފްތިހާރު އަހްމަދެވެ.

ކުރިއަށް އޮތް އޮކްޓޫބަރު މަހު އައިސީސީ ޓ_20 ކްރިކެޓް ވޯލްޑް ފެށުމަށް ހަމަޖެހިފައިވާއިރު، އޭޝިޔާ ކަޕް ކާމިޔާބު ކުރެވުމަކީ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި ރަނގަޅު ކާމިޔާބެއް ހޯދުމަށް ލަންކާ ލިބިގެންދާނެ ބޮޑު ހިތްވަރަކަށް ވެގެންދާނެއެވެ.