ލާމަރުކަޒުކޮށް ރާއްޖެ ތަރައްޤީކުރުމަކީ ޚަރަދުބޮޑު ބުރަ މަސައްކަތެއް ކަމަށާއި އެހެންނަމަވެސް ސަރުކާރުގެ ޕްލޭނަކީ ޖަޒީރާ ތަރައްގީގައި ރަށްރަށް ތަރައްގީކޮށް ކުރިޔަށް ގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.އެ

އެމަނިކުފާނުގެ ވާހަކަފުޅުގައި ބިނާވެށި ޕްލޭން ހެދުމުގައި ކުރިމަތިވާ ދަތިތަކުގެ މައްސަލައަކީ އުކުޅަހުގައި ބޭއްވި ކޮންފަރެންސްގެ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލަ ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެެސް ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިމުނު އިރު އެކަން ބަދަލުކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން އުކުޅަހު ކޮންފަރެންސުގައި ނިންމި ނިންމުންތަކަށްފަހު ކައުންސިލުތަކުން ބިނާވެށި ޕްލޭންތައް މިހާރު ހަދަމުން އަންނަކަމަށާއި މިހާރު ކުރަންޖެހޭކަމަކީ ބިނާވެށި ޕްލޭންތަކަށް ހުއްދަދެވޭނެ އަވަސް ގޮތްތަކެއް ހޯދުންކަން އެމަނިކުފާނު ވިދޅުވިއެވެ. އެގޮތުން ޕްލޭންގެ ބައިބަޔަށް ވަކިން ހުއްދަދެވޭ ކަހަލަ ގޮތަކަށް ހަމަޖެއްސުމާއި ބެހޭގޮތުން ކޮންފަރެންސްގައި މަޝްވަރާ ކުރެވިފައިވާކަމުގައި ވެސް ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަށް ދެކެވުނު ވާހަކަތަކަކީ ވަރަށްބޮޑު ބުރަދަނެއް ހުރި ވާހަކަތަކެއް ކަމަށާއި އެހެން ކަމުން އެ ކޮމެޓީތަކަށް މާލީގޮތުން ހުރި ދަތިތަކާއި ކޮމެޓީގެ މެންބަރުންނަށް މަސައްކަތްކުރެވޭނެ ރަނގަޅު މާހައުލެއް ޤާއިމްކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އެމަނިކުފާނު ވިދާޅުވީ މަސައްކަތްކުރެވޭނެ ރަނގަޅު މާހައުލެއް ޤާއިމު ކޮށްދިނުމުން ވެސް، އ.ތ.މ. ކޮމެޓީތަކަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ޙައްލުތަކެއް ލިބިގެންދާނެކަމުގައެވެ. ހަމަ އެހެންމެ އ.ތ.މ ކޮމެޓީތަކަކީ ފުލްޓައިމްކޮށް މަސައްކަތްކުރާގޮތަށް މެންބަރުން އިންތިޚާބުކުރާ ތަނަކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުމަށާއި އަދި އެއީ ޤާނޫނަށް ބަދަލެއް ގެންނަންޖެހޭ ކަމެއްތޯ ބެލުމަށްފަހު އެކަން ޙައްލުކުރުމަކީ ވެސް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއްކަމަށް ވިދާޅުވިއެވެ.

ކޮންފަރެންސްގައި ކައުންސިލްތަކުން ހުށަހަޅައި މަޝްވަރާކުރެވުނު ގޮތަށް، ބްލޮކް ގްރާންޓް ދިނުމުގައި މަހުން މަހަށް ދިނުމުގެ ބަދަލުގައި އަހަރުގެ ތެރޭގައި 4 ބަޔަށް ބަހާލައިގެން ދޫކުރާގޮތަށް އަންނަ އަހަރު ބަޖެޓު ދެމުންގެންދާއިރު ބަދަލުގެންނަވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ބްލޮކް ގްރާންޓް ދިނުމުގައި ހުރިހާ ރަށަކަށް އެއްހަމައަކުން ދޭ އުސޫލުގެ ބަދަލުގައި ވަކިވަކި ރަށްރަށުގެ ޙާލަތައް ބަލައިގެން އެންމެ އެކަށޭނެ މިންވަރެއް އެރަށްރަށަށް ނުވަތަ ސިޓީތަކަށް ލިބޭގޮތަށް ބަދަލު ގެންނަންޖެހޭކަމަށް ވިދާޅުވެފައެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ކޮންފަރެންސް، ލ. ގަމުގައި ބޭއްވުނު އިރު، މިކޮންފަރެންސްގައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން، 107 ބައިވެރިންނާއި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރު ކުންފުނިތަކާއި ފަންނީ ދާއިރާތަކުގެ ބޭފުޅުންނާއި އެކު ޖުމުލަ 270 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިފަހަރުގެ ކޮންފަރެންސްގައި ބައިވެރިވެފައި ވަނީ، ދ. ތ. ލ. ގއ. ގދ. ގެ ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނެވެ. އަދި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީކައުންސިލާއި، އެދެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނެވެ.