ދެކޮޅަސް ކަނޑުލުގެ އެންމެ ތަރައްޤީވެފައިވާކަމަށް ބުނާ ހިނގައިދޫގައި މިއަހަރު ޢީދު ފާހަގަކުރަން ތައްޔާރުވަނީ މާ ވަރުގަދަކޮށެވެ. އެންމެންވެސް ގަޔާވާ އަދި އެންމެ މުހިއްމު ކަމަކަށް އޮންނަނީ ވަރަށް ފޯރިގަދަ ޝޯވް އެވެ.
އެ ޝޯއަށް ގެންނަނީވެސް އެންމެ ކުޅަދާނަ ފަންނާނުންނެވެ. ކައިރި ހިހސާބެއްގެ ރަށަކުންނެވެ. އެރަށުން ފަންނާނުން ގެންނަން އުޅޭތާ މިހާރު ދެ ތިން އަހަރު ވެއްޖެއެވެ. އެކުން އެރަށުން ކޮންމެހެންވެސް ޝޯ ކުޅޭމީހުން ގެންނަން މި އުޅެނީ ކީއްވެގެން ތޯއެވެ؟ އެއީ އެރަށުން އަންނަ ޓީމްގައި ހުރިހާ ވައްތަރެއް ހިމެނޭތީއެވެ. އެންމެ އިހުގެ ލަވަތަކާއި، ނެށުންތަކާއި، އެންމެ މިހާރުގެ ލަވަތަކާއި، ނެށުންތައް އެރަށުގެ މީހުން ދައްކައިލައެވެ.
މިހުރިހާ ކަމެއް ކުރެވޭ ޓީމު ކުޑައެއްވެސް ނުވާނެތާއެވެ. ސާޅީހެއްހައި މީހުން އުޅޭކަމުގައި ވިއެވެ. މިހުރިހައި މީހުންގެ ތިބުމާއި، ކެއުމާއި، އެހެނިހެން ކަންކަން ހަމަޖެއްސުމަކީ ހިނގައިދޫގެ ރައްޔިތުންނަށް ކުޑަ ކަމަކަށްވެސް ނުވެއެވެ. އެހެން ނަމަވެސް ޗަންދާނަގައިގެންނާއި ސަރުކާރުގެ މުވައްޒަފުންތެރޭގައި ފޮތް ހިންގައިގެންނާއި އޮޑީވެރިންނާއި ވިޔަފާރުވެރިންގެ ހެޔޮ އެދުންތަކާއި ނުވިތާކަށް ގޭގެއިން ބައެއް ކާބޯތަކެތި ނަގައިގެން ކަންކަން ހަމަޖައްސާލައިފިއެވެ.
ކޮންމެ އަކަސް ޢީދުގެ ކުޅިވަރުތަކުގެ އެންމެ މުހިއްމު ކުޅިވަރު އޮންނަ ރޭ އަތުވެއްޖެއެވެ. އެއްކަލަ ޝޯ ކުޅޭ ފަންނާނުން އައިސް ހިނގައިދުއަށް ލަފައިވިއެވެ. އަންބާ ލަވަޔަކާއެކު އައިސް ރަށުގެ ބަނދަރަށް ވަދެ ކުރުފަލީގެ އައިޓަމެއް ދައްކައިލައިފިއެވެ. ރަށުގެ ރައްޔިތުންތޯއެވެ. ރައްޔިތުން ފޯރީގައި ކެކި އަރަނީއެވެ. އަރާ ފަނި ހިފައިގެން އައިސްތިބި ޒުވާން އަންހެންކުދިން ފަނި ދިނުމުގައި އަވަދިނެތި އުޅެނީއެވެ. ފިޔާތޮށި ސަރުބަތާއި ކުރުނބަޔާއި އިސްބަގުލު ފަންޏާއި ހުރީ އެމީހަކު ބޯނެވަރަކަށް ބޯށެވެ. އޮޑި ހައްޔަރުކޮށް ހަދާން ހަމަޖައްސައިފައި ތިބި ނޫކަށި ފުރައިގެން ޒުވާނުންކޮޅެއް ގޮސް ދޯންޏަށް އަރައި ދޯނީގެ ވެރިކަން އަތުލި ކަހަލައެވެ. ވާލެލާވެލީ ކީއްކުރަންތޯއެވެ. އެއްޗެއް އޮޑިން ބައިލާންވެސް ފަންނާނުންގެ ތެރެއިން މީހަކު އަތްލައިގެން ނުވެއެވެ.
ފަންނާނުންގެ ޓީމު ގޭގެއަށް ގެންގޮސް ހަމަޖައްސައިލައިފިއެވެ. އެމީހުންގެނައި އާލާތްތަކާއި ފޮށިތަކާއި ދަބަސްތައް ގެންދާންވީ ތަންތަނަށް ގެންގޮސް ނިންމައިލައިފިއެވެ.
ޓީމުގައި ތިބި ދެ ޖިންސުގެ ތަންކޮޅެއް ހަރު މީހުންނާއި ހަވާލުވީ ރަށުންވެސް އެކަމަށް އެކަށީގެންވާ ޢުމުރުގެ މީހުންނެވެ. މިޓީމުގައި ވަރަށް ޒުވާން ކުދިންނާއި ވަރަށް ދުވަސްވީ މީހުންވެސް ތިއްބެވެ.
މިރޭ އަޅުގަނޑުމެންގެ ހިނގައިދޫވަށް މިވަނީ ޙަޤީޤީ ޢީދެއް އައިސްފައެވެ. ޢީދު ކުޅިވަރު ބަލަން މާކުރިން މީހުން ތައްޔާރުވާން ފަށައިފިއެވެ. ޢިޝާނަމާދުގައި މުދިންބެ ވައްތީނި ކިޔައިގެންވެސް އެއްބަޔަކަށް ނަމާދު ދިގުވިކަމަށް ވިއެވެ. ރޭގަނޑު 9 ޖަހާއިރު ފެށެން އޮތް ޝޯއަށް މީހުން ޖަމާވާން ފެށީއިރު އަދި 8 ނުޖަހައެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ އިސްޓޭޖާ އެންމެ ކައިރިން ޖާގައެއް ހޯދާށެވެ.
ރަށުގެ ބޯޅަދަންޑުކައިރީގައި އޮންނަ ހުސްބިމުގައި އިސްޓޭޖް ހަދައި މީހުންނަށް ކުޅިބަލަން ފަސޭހައިން ތިބެވޭގޮތަށް ކަންކަން ރާވައިލައި ހެދީ މަދަރުސައިންނާއި ގޭގެއިން ލިބެން ހުރި ހުރިހައި ގޮނޑިއެއް ގެނެސް ގެންނެވެ. އެކަމަކު ކޮންމެސް ބަޔަކު ކޮޅަސްވެސް ތިބެން ޖެހޭނެތާއެވެ.
މިހާރު ގަޑިން 9 ޖަހަނީ އެވެ. ހުރިހާ ފަންނާނުން ސްޓޭޖް ސަރަޙައްދަށް ޖަމާވެއްޖެއެވެ. ކުޅަދާނަ ފަންނާނުންގެ އެކި އައިޓަމްތަކަށް އެކި ޓީމްތަށް ސްޓޭޖަށް އަރާށާއި އެހެން މީހުން މަޑުކޮށްލައިގެން ތިބޭށާއި އަދި ނަށާމީހުން އެލަވަޔަކާ ގުޅޭ ހެދުންއަޅައި ހެދުން ބަދަލުކޮށް ހެދުމަށް ވަކި ތަންކޮޅެއް ހަދައިފައިވެސް ހުއްޓެވެ.
ގަޑީން 9 ޖަހައިފި އެވެ. ޝޯވް ހުށަހަޅަން މީހަކު އަރައި މިރޭ ކުރިއަށް ހުރި އައިޓަމްތަކުގެ އިޝްތިހާރެއް ކިޔައިލައިފިއެވެ. ބެލުންތެރިން ހީވަނީ އުތުރި އަރާ ހެންނެވެ. އަތްތިލަބަޑިއާއި ތުމުން ފުންމުމާއި ސާބަހުގެ އަޑުން މުޅިތައްއޮތީ ގުގުމައިލައިފައެވެ. އެންމެފުތަރަމަ ސްޓޭޖަށް އެރީ މެދުއުމުތުގެ ތިން އަންހެނުންނެވެ. ފައިގައި ގިގުނި އަޅައިފައި ރޫޖެއްސި ހެދުމެއް އަޅައިގެން ސްޓޭޖަށް އަރައި ދިވެހި މުސްކުޅި ލަވައަކަށް ނަށަން ފަށައިފިއެވެ. މުޖުރާ ނެށުމެކެވެ. ބެރުގެ ހަމައަށް ފައި ޖަހަމުން ދެފަރާތަށް އަރިވަމުން ނަށަމުން އެ ގެންދަނީ މުޖުރާ ރަށުމުގެ އެންމެ ފުރިހަމަ ނެށުމެކެވެ. "ހިޔަލުން މިގުލްޝަނުގެ އަދިވެސް ދާހިތޭވަނީ" ލަވަކިޔުންތެރިޔާ ލަވަ ވިރުވައި އަޅައިލައެވެ. ކުޅިބަލަން ތިބި މީހުންގެތެރެއިން ދުވަސްވީ ފިރިހެނުން ސާބަސް ދެމުން އަތްތިލަބަޑިޖަހަމުން ގެންދެއެވެ.
ޒުވާނުން ދަންނައެ. އެމީހުންނަކަށް މާކަމުދާ އައިޓަމަކަށް މި އައިޓަމެއް ނުވިއެވެ. އެހެންކަމުން ހަމަހިމޭނުން އެބަ ތިބެއެވެ. މުސްކުޅިފުރައިގެ ފިރިހެނުންނަށް މި އައިޓަމް ކަމުދިޔަވަރުން ދެންވެސް އެރީ ހަމަ އޭގެ ނެށުމަކަށެވެ. ނެށުމުގައި އެއްވެސް ތަފާތެއް ނެތެވެ. އެއްކަލަ ޒުވާނުން އެކަކު އަނެކަކަށް އެބަ ކިޔައެވެ. އަހަރުމެން ދެ ހަފުތާވަންދެން ގުރުބާންވެގެން މި ބަޔަކު މި ގެނައީ މި ކުޅިވަރު ބަލަން ހެއްޔެވެ. ހުންނާށެވެ. މި ލަވަ ނުމުނީމައި އެއްޗެކޭ ގޮވައިލާނަމެވެ. ލަވަ ނިމުނުތަނާ ޝޯވް ހުށަހަޅާ މީހާ ގޮވައިލިއެވެ. ކޮބާ ކިހިނެއްތޯ؟ ކޮބައިތޯ ތަރުހީބު. މިއައިޓަމް ކަމުދިޔަ މީހަކަށް އެއްޗެކޭ ގޮވައިލެވުމުގެކުރިން ޒުވާން ފިރިހެން ކުދިންގެތެރެއިން އެކަކު ގޮވައިލިއެވެ. ކަމަކު ނުދޭ. އިނގިރޭސި ލަވައެއް ނެތްތަ؟
މިހާ ހިސާބުން ސްޓޭޖް މައްޗަށް އެރީ އިނގިރޭސި ލަވަކިޔާ ޓީމެވެ. އެންމެ ފަހުގެ ރެޕް ލަވައެއް ފަށައިފިއެވެ. ކިޔާ ނުކިޔާއެއްޗެއް އެނގޭ މީހަކު ނެތެވެ. ދުވަސްވީ ހަރު މީހުން ހިތްހަމަ ޖެހޭ ގޮތެއް ނުވިއެވެ. ޕޭސް ޕޭސް ލައްވާތައް ބަލަން ތިބޭކަށް ބޭނުމެއް ނުވިއެވެ.
އެއިރު ރަށުގައި ނަގާކިޔާ އަންހެނުންގެތެރެއިން ގިނަ މީހުން ކެއުމުގެ އިންތިޒާމްތައް ހަމަޖައްސައިލުމަށްފަހު ޝޯ ބަލަން އައިސް ޖަމާވެއްޖެއެވެ. އެތަނުގައި ގިނައީ ކަސޯޓީއާއި ހިންދީ ފިލްމާއި ޑްރާމް ބަލާ މީހުންނެވެ. އާދެ ހިންދީ ފިލްމުގެ މީހުންނެވެ. މެދު މުދުން ހީސްލާ ފިލްމު ގަދަވާނެކަމަށް ބުނެ އުޅުނު މީސްމީހުންނެވެ. އެންމެ ފަހުގެ ހިންދީ ލަވަތަކަށާއި ނެށުންތަކަށާއި ފިލްމު ޔާސިމީނާއި ނާގިންގެ ލަވަތައް ތީރި ވާ މީހުންވެސް ތިއްބެވެ. މިވެރިން މިތަނަށް އައިތަނުން އެރީ ސަގާފީ ގްރޫކެވެ. ތާރަތަކެއް ހިފައިގެންނެވެ. ދެސަފަކަށް އިށީންދެލީއިރު އެއްބަޔަކު މި ތިބެނީ ކުޅީބަލާ މީހުންނަށް ފުރަގަސް ދީގެންނެވެ. ފެށީ އަރަބި ފާޑެއްގެ ލަވަޔަކުންނެވެ. ދަމަކުން ބަޑިއެއް ޖަހާގޮތަށް ލަސްލަހުން ތާރައިގައި ޖަހަމުން ހުރަސްފަތީ މީހުން ލަވައި ކިޔައެވެ. ފަތީމީހުންވެސް ޒުވާބު ކިޔަމުން ދެފަރާތަށް ހެލެމުން ގެންދެއެވެ. ތާރަ ލަވަތަކަކީ އޭގެ ލަސްބައި ދިގު ލަވަތަކެއް ކަމުން ކުޑަކުދިން ނިދި އަންގޮތްވެގެން މަންމައިކައިރީ ގެއަށް ދާން ކިޔަންފަށައިފިއެވެ. ޒުވާން އަނެހެންކުދިނާއި ފިރިހެން ކުދިންނަށް މިހާހިސާބުން ކެތެއް ނުވިއެވެ. ވީހާ ބާރަށް އަޑުގެ ކޮޅަށް ފައިބާ، ފައިބާ މިހެން ގޮވަން ފަށައިފިއެވެ.
ދެން ކަންތައް ވީ ކިހިނެއްތޯއެވެ؟ ޒަމާނީ ބޮޑުބެރު ކަމުދާވެސް ތިބީ ވަކި ބަޔެކެވެ. އަނެއް ބަޔަކުގެ ގޮވެއްޔަކީ ފައިބާ ފައިބާ ކަމަކުނުދޭ. މިިއެވެ. ކުނާމަތީ ގައްވާލީ ލަވަޔާއި ހޯލި ލަވަޔާއި އިށީނދެތިބެގެން ޖަހާ ސަގާފީ ބޮޑުބެރާއި ކޮޅަށް ތިބެގެން ޖަހާ ޒަމާނީ ބޮޑުބެރާއި ބަބުރު ލަބަޔާއި ހޯރަ ނެށުމާއި މުޖުރާ ނެށުމާއި ފަތިގަނޑު ޖެހުމާއި ފަރިހި ކިޔައިފައި ޑަބިޔާ ޖެހުމާއި މާފައްޗާއި ދަޑިޔާއި ބަނޑިޔާއާއި މިއިން ކޮންމެ ވައްތަރެއްވެސް މި ކަމުދަނީ ވަކި ބަޔަކަށެވެ. އަނެއް ބަޔަކު އެބަޔެއްގެ ޝައުޤުވެރިކަމާ ނުގުޅޭ ކަމެއް ކުރާނަމަ ވަނީ އަމަށަކު ފޫއްސެއްނޫނެވެ. މިހާ ހިސާބުން ތަރުހީބުގެ އަޑު އެއްކޮށް ކެނޑި ފައިބާ ފައިބާ މިއަޑު އެކީ އެކައްޗަކަށް ތަނުގައި ހިއްޕައިލައިފިއެވެ.
ޝޯ ނިމެން ކައިރިވެސް ނުވަނީސް ކުޅިބަލާ މީހުންގެތެރޭގައި ޒާތަކު ޒުވާބެއްވެސް އުފެދިއްޖެއެވެ. މި މީހުންނަށްވުރެ މިވެނި ބަޔަކު ގެނައި ނަމަ މާރަނގަޅުވާނެ ވާނެ ވާހަކަ އެވެ. ޚަރަދުވެސް ކުޑަ ވީސް ކަމުގެ ވާހަކަ އެވެ. މި ޒުވާބެއްގެ އަޑު މާ ގަދަވެގެން ކޮންމެސް ގޮތަކުން އެއްކަލަ ފަންނާނުންގެ ކަންފަތާހަމަޔަށް ވެސް ފޯރައިފިއެވެ. މިހާ ފޯރީގައި އެންމެން އެކުވެރިވެގެން ފެށި ކަމެއްގެތެރޭގައި ޒުވާބު އުފެދި އަރައިރުންވާ ހިސާބަށް ދިޔައީމާ އެތާ ތިބެން ބޭނުންނުވެގެން ވަރަށް ގިނަ ބަޔަކު އެތަނުން ނުކުމެގެން ހިނގައްޖެއެވެ.
މުޅި ރަށުގެ ހުރިހާ އެންމެނަށް ކަމުދާ އެއްވެސް އައިޓަމެއް މި ޓީމަށް ހުށަހަޅައި ދެވުނު ކަމަކަށް ނުވިއެވެ. އެހެންކަމުން ދެން ދުވަހަކުވެސް ދެކޮޅަސް ކަނޑުލުގެ އެންމެ ތަރަށްޤީވެފައިވާކަމަށްބުނާ، ހިނގައިދުއަށް ކުޅިވަރުކުޅޭން ނާންނަން ހުވައިކޮށްގެން ތަންކޮޅެއް މާއިރާ ފަންނާނުން ފުރައިގެން ހިނގައްޖެއެވެ.
އެޑިޓަރުގެ ނޯޓު: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެއް
ސަޅި ލިޔުމެއް، މަޖީދު!