މުޅި ދުނިޔެއަށް މިއަދު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ، މޫސުމަށް އަންނަމުންދާ ބަދަލުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިން ދެކެވެމުން އައީ، މޫސުމީ ބަދަލުތަކުގެ އެންމެ ބޮޑު އަސަރަކާއި އެންމެ ބޮޑު ގެއްލުމެއް އެންމެ އަވަހަށް ލިބޭނީ، ރާއްޖެ ފަދަ ތިރި ކުދި ޖަޒީރާ ޤައުމުތަކަށް ކަމަށެވެ. އެހެން ނަމަވެސް މިއަދުގެ ޙަޤީޤަތަކީ، އެއްވެސް ބަޔަކަށް، އެއްވެސް ޤައުމަކަށް، ބިންތިރިޔަސް، އަދި ބިން އުހަސް، ފަރުބަދަ މަތީ ޤައުމަކަސް، މިކަމުން ސަލާމަތްވެވެން ނެތްކަން ކަމުގައި ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވަނީ ހޫނު މޫސުމުގައި ޔޫރަޕަށް ކުރިމަތިވެގެން ދިޔަ ކަންކަމުން މިސާލު ދައްކަވައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމުގެ ވާހަކައަކީ މިހާރު މުޅި ދުނިޔޭގެ ވާހަކައެއް ކަމުގައި ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިން މޫސުމީ ބަދަލުތަކާއި ދޭތެރޭގައި ދެކެމުން އެ އައިގޮތް މިހާރު ވަނީ ބަދަލުވެފައި ކަމަށެވެ. އަދި މޫސުމީ ބަދަލުތަކުގައި ނެތިގެން ދާނީ، ވަކި ޤައުމެއް ނުވަތަ ވަކިބައެއް ނޫންކަމަށާއި އެކަމުގެ ސަބަބުން ނެތިގެން ދާނީ، މުޅި ޖީލުކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިއީ، މިކަމުގައި ކުޑަ ޤައުމެއް، ބޮޑުޤައުމެއް ނެތި އެންމެން އެކީގައި މަސައްކަތްކުރަން ޖެހިފައި އޮތް ދަނޑިވަޅުކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.