އެކައުންޓިންގ ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ދިވެހިންނަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި ކުރިއަށްގެންދެވި މަޝްވަރާތަކުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައި އެކައުންޓިންގ ދާއިރާގެ ޤާނޫނެއް ވުޖޫދު ކުރެވިފައި އޮތުމަކީ އެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ
ރައީސް ވިދާޅުވީ ސާރުކާރުން މިހާރު ފޯރުކޮށްދޭ މަތީ ތަޢުލީމުގެ އެކިއެކި ޕްރޮގްރާމުތަކުގެ ތެރެއިން އެކައުންޓިންގ ދާއިރާއިން ތަޢުލީމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކައުންޓިންގ ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމުގައިވެސް ދިވެހިންނަށް އިސްކަންދިނުމަށް އެދިވަޑައިގަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސްގެ ކައުންސިލް މެންބަރުން ވިދާޅުވީ ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނާއެކު މި ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފަސޭހައާއި ކުރިއެރުން ލިބިފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލް މެންބަރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރާއި، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.