މިހާރު ކުރިއަށްދާ އޭއެފްސީ ވިހި އަހަރުން ދަށުގެ ކޮލިފިކޭޝަން ގްރޫޕް ޑީގައި ސިރީޔާއިން ކުޑަކުޑަ ނޮދަން މެރިއާނާ އައިލެންޑްސް ކޮޅަށް މިރޭ 10 ލަނޑު ޖަހައިފިއެވެ.

ސީރިޔާއިން ޖެހި 10 ލަނޑު ކާމިޔާބު ކުރީ ތަފާތު 7 ކުޅުންތެރިންނެވެ. ސީރިޔާއިން ފުރަތަމަ 3 ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ބާރަ މިނެޓުގެ ތެރޭގައެވެ. 2010 ވަނަ އަހަރު އޭއެފްސީ މެމްބަރުކަން އަދި 2021 ވަނަ އަހަރު ފީފާގެ މެމްބަރުކަން ލިބުނު، 57،000 މީހުންގެ ކުޑަ ކުޑަ އާބާދީއެއް އޮންނަ ނޮދަން މެރިއާނާ އައިލެންޑަށް މިމެޗުގައި ސުން ކަނޑުވާލެވޭނެ ގޮތެއް ނުވިއެވެ.

ނޮދަން މެރިއާނާ އައިލެންޑުން ކޮލިފިކޭޝަނުގައި ކުޅުނު ފުރަތަމަ މެޗުގައި ތުރްކެމެނިސްތާން އަތުން ބަލިވީ 7-0 އިންނެވެ. އެގައުމުން ދެން ކުޅެން ޖެހޭ މެޗުގައި މާދަމާ ބައްދަލު ކުރާނީ ޖޯޑަންއާއެވެ.

ކުރިން އެމެރިކާގެ ބައެއްގެ ގޮތުގައި އޮތް ނޮދަން މެރިއާނާ އައިލެންޑްސް ރޭންކް ކޮށްފައި ވަނީ އޭޝިޔާގެ އެންމެ ދަށް ހަތަރު ގައުމު ތެރޭގައެވެ.

ކޮލިފިކޭޝަނުގައި މިރޭ ކުޅުނު ބައެއް އެހެން މެޗުތަކަށް ބަލާއިރު ގްރޫޕް ބީގައި ބަންގްލަދޭޝް އިން ވަނީ 2-1 އިން ބޫޓާން ބަލިކޮށް ގްރޫޕުގެ އެއްވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ. ފަލަސްތީނުން 5-0 އިން ގުއާމް ބަލިކޮށް ގްރޫޕް ސީގެ އެއްވަނަ މަގާމުގައި އޮތްއިރު މިގްރޫޕުގައި ހިމެނޭ ވަރުގަދަ ޖަޕާން ކުޅުނު ފުރަތަމަ މެޗުގައި 4-0 އިން ވަނީ ލާއޯސް ބަލިކޮށްފައެވެ.