އޭއެފްސީ ވިހި އަހަރުން ދަށުގެ ކޮލިފިކޭޝަނުގައި ރޭ ސައުދީ އަރަބިއްޔާ އަތުން 11-0 ގެ ބޮޑު ތަފާތަކުން ބަލިވެ ރާއްޖެއަށް ބޮޑު ލަދުވެތި ކަމެއް ކުރިމަތިވެއްޖެއެވެ.
ސައުދީ އަރަބިއްޔާގައި ކުރިއަށްދާ ކޮލިފިކޭޝަނުގައި ސައުދީން ރޭ ވަނީ ފުރަތަމަ ހާފުގައި ރާއްޖެ ކޮޅަށް 6 ލަނޑު ޖަހާފައެވެ. އަނެއް 5 ލަނޑު ޖެހީ ދެވަނަ ހާފުގައެވެ. ރާއްޖޭ ޓީމުގެ ފަރާތުން ވަރަށް ދަށް ކުޅުމެއް ފެނުނު މިމެޗުގައި ކުޅުންތެރިންގެ ފަރާތުން މެޗް ފަށައިގެންވެސް ފެނުނީ ކޮންސަންޓްރޭޝަން ގެއްލިފައިވާ މަންޒަރެވެ.
މިއީ މިފަހަރުގެ އޭއެފްސީ ކޮލިފިކޭޝަނުގައި މިހާތަނަށް ނިކުތް އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. ކޮލިފިކޭޝަނުގައި ރާއްޖޭގެ އިތުރުން ދެން އެންމެ ދެރަ ނަތީޖާތައް ލިބެމުން ދަނީ 57،000 މީހުންގެ އާބާދީއެއް އޮންނަ ނޮދަން މެރިއާނާ އައިލެންޑްސްއަށެވެ.
ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އުޒްބެކިސްތާން އަތުން ބަލިވީ 7-0 އިންނެވެ. ދެމެޗުން ރާއްޖެ ކޮޅަށް މިވަނީ 17 ލަނޑު ވަދެފައެވެ. ރާއްޖެ ކުޅެން ޖެހޭ ތިންވަނަ މެޗުގައި މާދަމާ ބައްދަލު ކުރާނީ ޗައިނާއާއެވެ.
ރާއްޖެ ހިމެނޭ ދެކުނު އޭޝިޔާގެ އެހެން ގައުމުތަކުގެ ނަތީޖާތަކަށް ބަލާއިރު ރޭ ގަތަރާ ވާދަކޮށް ނޭޕާލް ބަލިވީ 3-1 އިންނެވެ. ބަންގްލަދޭޝްއިން ވަނީ 2-1 އިން ބޫޓާންގެ މައްޗަށް ކުރި ހޯދާފައެވެ. ބަންގްލަދޭޝް ވަނީ ފުރަތަމަ މެޗުގައި ވަރުގަދަ ބަހްރައިންއަށް ލަނޑެއް ޖެހިޔަ ނުދީ، ބަހްރައިން އަތުން ޕޮއިންޓެއް ހޯދާފައިކަންވެސް ފާހަގަ ކޮށްލެެވެއެވެ. ފީފާއިން ޕާކިސްތާން ސަސްޕެންޑް ކޮށްފައިވާތީ އެގައުމަށް ކޮލިފިކޭޝަނުގެ ފުރުސަތު ލިބިފައި ނުވާއިރު އިންޑިޔާ އާއި ލަންކާ ހިމެނޭ ގްރޫޕްގެ މެޗުތައް އަދި ފަށާފައެއް ނުވެއެވެ.