ދައުލަތުގެ ހުއްދަ ލިޔުމަކުން ލިބިގެންނޫނީ ދީނީ ނަސޭހަތްދިނުމާއި ދީނީ ފޮތްތައް ޝާއިޢުކުރުން މަނާކުރާ ގާނޫނު ބާޠިލުކުރަންޖެހިއްޖެކަމަށް ޑރ. އަބްދުﷲ ފާރޫގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޑރ. ފާރޫގު ވިދާޅުވެފައިވަނީ އެމްކިއުއޭ ގަބޫލުކުރާ، ދީނީ މަތީތައުލީމު ހާސިލުކުރާ ފަރާތްތަކަށް ދީނީ ނަސޭހަތްދިނުމާއި ދީނީ ފޮތްތައް ނެރުމުގެ މިނިވަންކަން ދޭންޖެހޭކަމަށެވެ. ޒުވާނުންނަށް ދީން އުނގަންނާނުދެވޭ އެއް ސަބަބަކީ އެއީކަމަށް ވެސް އޭނާ ވަނީ ވިދާޅުވިއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ގެންގުޅޭ ސިޔާސަތަކީ ދުލާއި ގަލަމުގެ މިނިވަންކަން ދިނުމެވެ. އަދި ޚާއްސަކޮށް ޕްރޮފެޝަނަލް ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރާ މިހުންނަށް އެ ރޮނގަކުން މައުލޫމަތު ދިނުމުގެ ހައްގު ލިބިދީފައި އޮތުމެވެ. ނަމަވެސް ދިވެހިރާއްޖޭގައި މިވަނީ ދުލާއި ގަލަމުގެ މިނިވަންކަން ހަނިކުރުމުގައި ހައްދުފަހަނަޅާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ދައުލަތުގެ ހުއްދަ ލިޔުމަކުން ލިބިގެންނޫނީ ދީނީ ނަސޭހަތްދިނުމާއި ދީނީ ފޮތްތައް ޝާއިޢުކުރުން މަނާކުރާ ގާނޫނު އިސްލާހުކުރުމަށްފަހު އެމްކިއުއޭ ގަބޫލުކުރާ (ދީނީ މަތީތައުލީމު ހާސިލުކުރާ ފަރާތްތަކަށް) ދީނީ ނަސޭހަތްދިނުމާއި ދީނީ ފޮތްތައް ނެރުމުގެ މިނިވަންކަން ދީގެންނޫނީ ޒުވާނުންނަށް ދީން އުނގަންނާނުދެވޭނޭ ކަމަށް ވެސް ވިދާޅުވިއެވެ.