ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަދު ފަށައިފައިވަނީ ބުރަ އެހާމެ މުހިންމު މަސައްކަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިއަދު ވިދާޅުވީ އެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އެމަނިކުފާނު ރައްޔިތުންގެ ކިބައިން އެގޮތަށް އެދިވަޑައިގަތީ މިއަދު ހެނދުނު ބޯހިމެނުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ، އެކަމުގައި ހަރަކާތްތެރިވާ ބޭފުޅުން މަސައްކަތް ކުރައްވަން ހަމަޖެހިފައިވާތަންކަމުގައިވާ ދަރުބާރުގެއަށް ވަޑައިގެން، އެކަމުގައި ޢަމަލީގޮތުން މަސައްކަތްކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ.

ބޯ ހިމެނުމުގެ މަސައްކަތަކީ ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް އެއްކުރެވޭ މަސައްކަތެއްކަމަށާއި ބޯހިމެނުމުގައި އެއްކުރެވޭ މަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ އިޖުތިމާޢީ ހުރިހާ ބޮޑެތި މައްސަލަތައް ފާހަގަވުމުގެ އިތުރުން އެކަންތައްތައް ޙައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ،

ބޯހިމެނުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގެންދާތަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަޑައިގެން އެމަނިކުފާނު ވަނީ ވަކިވަކީން އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

ބޯހިމެނުން 2022 ގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) ގެފަރާތުންނެވެ. މި އަހަރުގެ ބޯހިމެނުމުގެ ލިސްޓިންގގެ މަސައްކަތްތައް ކުރިއަށްދާނީ ސެޕްޓެންބަރު މަހުގެ 13 އިން 14 ގެ ނިޔަލަށެވެ. އަދި ބޯހިމެނުމުގެ ތަފްޞީލް މަޢުލޫމާތު ނެގުމުގެ މަސައްކަތްތައް ކުރިއަށްދާނީ ސެޕްޓެންބަރު 17 އިން 25 ގެ ނިޔަލަށެވެ. މިފަހަރުގެ ބޯހިމެނުމުގެ ޢަމަލީ މަސައްކަތުގައި 4000 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.