ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭމްއެމް) އިން ރާއްޖޭގެ ޒުވާން ގައުމީ ޓީމުތަކަށް ކޯޗިންގ ސްޓާފުންނާއި މެނޭޖްމަންޓަށް އޮފިޝަލުން ހަމަޖައްސާ ގޮތާއިމެދު އެކަޑަމީތަކުގައި މަސައްކަތް ކުރާ ބައެއް ކޯޗުން އެފްއޭއެމްއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކްލަބެއްގެ އެކަޑަމީގަޔާއި އިންޓަރ ސްކޫލް މުބާރާތްތަކުގައި ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗަކު "ހަލިނިއުސް" އަށް މައުލޫމާތު ދެމުން މިއަދު ބުނީ މިހާރު ކުރިއަށްދާ އޭއެފްސީ ވިހި އަހަރުން ދަށުގެ ކޮލިފިކޭޝަނުގަޔާއި ސަތާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ޒުވާން ޓީމުތަކަށް ލިބުނު ދެރަ ނަތީޖާތަކަކީ ވަރަށް ގިނަ ކަންކަން އެފްއޭއެމްއިން "ގޯސްކޮށް" ކުރުމުގެ ނަތީޖާ ކަމަށެެވެ.

"މިސާލަކަށް ބަލަމާ އޭއެފްސީ ކޮލިފިކޭޝަނަށް ދިޔަ ގައުމީ ޓީމުގެ ކޯޗިންގ ސްޓާފުންނަށް. އެކަޑަމީތަކުގައި ޒުވާން ކުޅުންތެރިން ތަމްރީން ކުރާ އެއްވެސް ކޯޗަކު އެބަހުރިތޯ ހިމަނާފައި. އަޅުގަނޑު ނުދަންނަވަން ކޯޗް ޝާކިއްޓޭއަކީ ގޯސް ޗޮއިސްއެކޭ. އެކަމަކު އޭނާއަށް އެހީތެރިވާން އެބަތިތޯ އެކަޑަމީގައި މަސައްކަތް ކުރާ އެއްވެސް ކޯޗެއް. މެނޭޖްމަންޓް އޮފިޝަލުން ތެރޭގައި އެބަތިބިތޯ ޒުވާން ކުޅުންތެރިން ގޮވައިގެން އެކަޑަމީގައި އުޅޭ އެއްވެސް ފަރާތެއް" އެކަޑަމީގައި މަސައްކަތް ކުރާ ކޯޗެއް ނަން ހާމަ ކުރަން ނޭދެމުން ބުންޏެވެ.

އުޒްބެކިސްތާން ކުޅުންތެރިޔަކު ޕާސްދޭއިރު ދިވެހި ދެކުޅުންތެރިން ބަލަހައްޓައިގެން. ފޮޓޯ: އެފްއޭއެމް

މައުލޫމާތު ލިބިފައިވާ ގޮތުގައި ވިހި އަހަރުން ދަށުގެ ގައުމީ ޓީމާއެކު އޭއެފްސީ ކޮލިފިކޭޝަނަށް ސައުދީ އަރަބިއްޔާއަށް ދިޔައީ ކްލަބް ވެލެންސިޔާގެ މެނޭޖްމަންޓުގައި ހިމެނޭ "އޮފިޝަލުން" ތަކެކެވެ. އަދި ސަތާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ލަންކާއަށް ފޮނުވި ގައުމީ ޓީމުގައިވެސް އެކަޑަމީތަކުގައި މަސައްކަތް ކުރާ ކޯޗުންގެ އެއްވެސް ދައުރެއް ނެތެވެ.

"މީގެ ދެތިން އަހަރު ކުރިން ޒުވާން ގައުމީ ޓީމުން ވަނީ ސާފް ޗެމްޕިއަންޝިޕުގެ ތިންވަނަ މަގާމް ހޯދާފައި. ހަމަކުއްލިއަކަށް ދިވެހި ކުޅުންތެރިންގެ ފެންވަރު ދަށްވީތޯ ނޭޕާލް ކަހަލަ ޓީމުތަކުން ފަހެތި ހައެތި އަޅުގަނޑުމެން ކޮޅަށް ޖަހާލަން. މިއީ ގަބޫލް ކުރަން ދަތި ކަމެއް. މީގެ ދެތިން އަހަރު ކުރިންނޫންތޯ އޭއެފްސީ ކޮލިފިކޭޝަނުގައި ސީރިޔާ އާއި ލުބްނާނާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ރާއްޖެއިން ނެރުނީވެސް. އެއީ ދުރާލާ އެކަމަށް ތައްޔާރު ވެގެން ނެރެވިފައި ހުރި ނަތީޖާތަކެއް" ކުރިން ޒުވާން ގައުމީ ޓީމުތަކާއެކު މަސައްކަތް ކޮށްފައިވާ ކޯޗަކު ހަލިނިއުސްއާ ވާހަކަ ދައްކަމުން ބުންޏެވެ.

އޭއެފްސީ ކޮލިފިކޭޝަނުގައި 20 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އުޒްބެކިސްތާން އަތުން ބަލިވީ 7-0 އިންނެވެ. އަދި ދެވަނަ މެޗުގައި ރޭ ސައުދީ އަތުން ބަލިވީ 11-0 އިންނެވެ. 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓީ ފުރަތަމަ މެޗުގައި ނޭޕާލް އަތުން 5-0 އިން އަދި ދެވަނަ މެޗުގައި ލަންކާ އަތުން 1-0 އިން ބަލިވުމުންނެވެ. އޭގެ ކުރިން ޖުލައި މަހު ނިމުނު ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުންވެސް ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ.