ދިވެހި ދައުލަތުން ނަގާ ލޯނާއި، ދޫކުރާ ސުކޫކްތަކުގެ ތަފްސީލްތައް ހިމެނޭ ކުއަރޓަރލީ ރިޕޯޓެއް މަޖިލީހަށް ފޮނުވަންޖެހޭ ގޮތަށް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް އެކުލަވާލި ކޮމިޓީ ރިޕޯޓަށް ހުށައެޅި އިސްލާހު ފާސްކޮށްފިއެވެ.

ކޮމިޓީ ރިޕޯޓަށް ހުށައެޅުނު ރެކޮމެންޑޭޝަންތައް:

  • ދައުލަތުން ނަގާ ލޯނާއި ސޮވްރިން ގެރެންޓީއާއި ދޫކުރާ ބޮންޑު އަދި ސުކޫކްތަކުގެ ތަފްސީލީ ރިޕޯޓެއް ކޮންމެ ކުއަރޓަރ އެއް ނިމޭތާ 30 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް.
  • ދައުލަތުން ސޮވްރިން ގެރެންޓީ ދީގެން ކުރިއަށްގެންދާ މަޝްރޫއުތައް މިނިސްޓްރީ އޮފް ފިނޭންސުން ރިވިއުކޮށް އެކަމާ ގުޅޭ ރިޕޯޓު ކޮންމެ ކުއަރޓަރއެއް ނިމޭތާ 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް.

މި ދެ ރެކޮމެންޑޭޝަން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ފާރަވެރިވާން ޖެހޭ ތަނެއް ކަމަށާއި، އަދި މިފަދަ މައުލޫމާތުތަކަކީ މަޖިލީހުން ހޯދަން ޖެހޭ މައުލޫމާތު ކަމަށެވެ.

އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިކަންކަން އިނގެން ޖެހޭނެ ކަމަށާއި ސުކޫކް ވިއްކުމަކީ އާމްދަނީއާއި ގުޅިފައިވާ ކަމަކަށްވާއިރު މިފަދަ މައުލޫމާތު އެނގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ

މިވާހަކަތަކަށް ތާއީދު ކުރައްވާ މަޖިލީހުގެ ރައީސް ، ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ބޮންޑެއް ވިއްކާއިރުގައި އޭގެ އިންޓްރެސްޓުވެސް އަދި އެ ބޮންޑު ފްލޯޓު ކުރުމުގައި އެހީތެރިވާ ބައެއްވެސް އަދި އެ ބޮންޑު ފްލޯޓުކުރާ ދުވަސްވަރަކާ އަދި ފްލޯޓު ކުރެވިފައިވާ ނަމަ ގަތުމަށް ޝައުގުވެރިވާ ބައެއް ވޭތޯއާއި ގަތުމަށް ޝައުގުވެރިވަނީ ކޮން އިންޓްރެސްޓެއްގައިތޯ ބަލަން ޖެހޭ ކަމަށެވެ. އަދި މިބާވަތުގެ މައުލޫމާތަކީ އެ ހުރިހާ އެންމެނަށް ވެސް އެނގި، ހިސާބު ޖެހި، އޭގެއިން ނުކުންނާނެ ނަތީޖާތައް ކަށަވަރު ވެގެން ކުރިއަށް ދެވެންޖެހޭނެ މައުލޫމާތު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.