ތަފާތު ޚިޔާލާއި މުސްލިމުންނާއި ތަފާތު ނަސްލަށް މަރުހަބާ ކިޔާ ސްވިޑެންގެ މަސްލަހު ބަދަލުވެ ހައްދުފަހަނައަޅާފައިވާ ނަސްލީ ދެކޮޅުވެރި ހުދު މީހުންނަށް ކާމިޔާބުވާތަން ފެނެއެވެ.

އާދީއްތަ ދުވަހު ސްވިޑެންގައި ބާއްވާފައިވާ އާންމު އިންތިޚާބުގެ ވޯޓުތައް އަދިވެސް ގުނާ ނިމިފައި ނުވެއެވެ. ގާނޫނު ހަދާ މަޖިލިސް ރިކްސްޑަގްގެ އަޣުލަބިއްޔަތު ކަނާތު ފިޔާގެ ހަރުކަށި މީހުންނަށް ލިބޭނެކަމަށް ބެލެވެއެވެ.

މިހާތަނަށް 95 ޕަސެންޓަށް އަށްވުރެ ގިނަ ވޯޓު ގުނާފައިވާއިރު، ކާމިޔާބު ފަރާތެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

އެގްޒިޓް ޕޯލްތަކުން ފުރަތަމަ ދައްކާ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި އޮތް ސޯޝަލް ޑިމޮކްރެޓުންގެ ސެންޓަރ ލެފްޓް ކޯލިޝަނަށް ކާމިޔާބު ލިބެއެވެ.

ނަމަވެސް ވޯޓު ގުނުން ކުރިއަށް ދިޔަ ވަރަކަށް ލިބަރަލްސްއާއި، ކްރިސްޓިއަން ޑިމޮކްރެޓުން، މޮޑެރޭޓްސް އަދި ސްވިޑެން ޑިމޮކްރެޓުން ހިމެނޭ ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ބްލޮކަށް ކާމިޔާބީ ލިބޭނެ ހެން ހީވެއެވެ.