ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ އަތުން 2-0 އިން މޮޅުވުމުގައި ވަރަށް ބޮޑަށް ނަސީބު އެހީވި ކަމަށާއި ކާމިޔާބު ލިބުމުގައި ފުޓްބޯޅައިގައި އެއީ ވަރަށް މުހިއްމު ބައެއް ކަމަށް ބަޔާން މިޔުނިކުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިން ހުނަރުވެރި ވިންގަރ ލެރޯ ސާނޭ ބުނެފިއެވެ.
ބަޔާން މިޔުނިކުން ބާސެލޯނާ ކޮޅަށް 2 ލަނޑު ޖެހީ ދެވަނަ ހާފުގެ 52 ވަނަ މިނެޓާއި 53 ވަނަ މިނެޓުގައެވެ. އޭގެ ކުރިން ފުރަތަމަ ހާފުގައި ބާސެލޯނާއިން ނުރައްކާތެރި ހަމަލާތަކެއް ބަޔާންގެ ގޯލަށް ފޮނުވާލިއެވެ. ބަޔާން މިޔުނިކް ދޫކޮށް މިސީޒަނުގައި ބާސެލޯނާއާ ގުޅުނު، ނުރައްކާތެރި ފޯވާޑް ރޮބާޓް ލެވަންޑޮސްކީ ލިބުނު ހުސް 3 ފުރުސަތުގެ ތެރެއިން 2 ހަމަލާ ދިޔައީ ގޯލު ދަނޑި މަތިން ބޭރަށެވެ. އަނެއް ހަމަލާ އޭނާ ފޮނުވާލަން ފައި މަޅާލި ވަގުތު ބަޔާންގެ ޑިފެންޑަރުން ދިފާއު ކުރީއެވެ. މީގެ އިތުރުން ހުސްކޮށް ހުރެ ޕެޑްރީ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބަޔާންގެ ތަޖުރިބާކާރު ކީޕަރު މެނުއަލް ނޯޔާއެވެ. މީގެ އިތުރުން ބާސާގެ ވިންގަރ ބްރެޒިލްގެ ރަފީނާ ފޮނުވާލި ދެހަމަލާއެއް ދިޔައީ ބަޔާންގެ ގޯލު އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
"ފުރަތަމަ ހާފުގައި ބާސެލޯނާއިން ފޮނުވާލި ހަމަލާތައް ކާމިޔާބު ނުވުމަކީ އަހަރެމެންގެ ނަސީބު. ނަސީބަކީ ފުޓްބޯޅައިގެ ކާމިޔާބު ލިބުމުގެ އެއްބައި. އަހަރެން ވަރަށް ހިތްހަމަ ޖެހިގެން މިހުރީ މެޗުގައި ދެއްކުނު ކުޅުމާ ދޭތެރޭގައި. މިމޮޅަކީ ބުންޑަސްލީގާގައިވެސް އަހަރެމެންގެ ނަތީޖާތައް ރަނގަޅު ކުރުމަށް ލިބޭނެ ހިތްވަރަކަށް ވާނެކަމަށް ގަބޫލް ކުރަނީ" ސާނޭ ބުންޏެވެ.
ބާސެލޯނާގެ ކޯޗް ޒަވީ ހެނާންޑޭޒްވެސް މެޗަށްފަހު ބުނީ ދެއްކި ކުޅުމަށް ބަލާއިރު 3 ޕޮއިންޓް ހައްގީ ބާސެލޯނާއަށް ކަމަށެވެ. "މުޅި މެޗަށްބަލާއިރު ޑޮމިނޭޓް ކޮށްގެން ކުޅުނީ އަހަރެމެން. ވަކިން ހާއްސަކޮށް ފުރަތަމަ ހާފުގައި އަހަރެމެންގެ ކުޅުން މޮޅު. އެކަމަކު ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުނީ" މިދިޔަ ސީޒަނުގައި ބާސެލޯނާއާ ހަވާލުވެ އެކްލަބުގެ ކުރީގެ އެއްވަނަ މިޑްފީލްޑަރު ޒަވީ ބުންޏެވެ.
މިގްރޫޕް (ގްރޫޕް ސީ) ގައި ކޮންމެ ޓީމަކުން 2 މެޗް ކުޅެފައިވާއިރު 6 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ބަޔާން މިޔުނިކެވެ. ދެވަނައިގައި 3 ޕޮއިންޓާއެކު އޮތީ ބާސެލޯނާއެވެ. އިންޓަމިލާން 3 ވަނައިގައި އޮތީވެސް 3 ޕޮއިންޓާއެކުއެވެ. ގްރޫޕް ފުލުގައި އޮތީ ރޭ އިންޓަމިލާން އަތުން 2-0 އިން ބަލިވި ވިކްޓޯރިއާ ޕްލެޒެންއެވެ.