ރައްކާތެރި ސާފު ބޯފެނުގެ ޚިދުމަތް ހދ. ނޮޅިވަރަންފަރުގައި ރަސްމީކޮށް ދޭން ފަށައިފިއެވެ.

މި ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޙުސެއިން ރަޝީދު ޙަސަނާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސައީދު މުޙައްމަދެވެ.

ފެނަކައިން ވިދާޅުވެފައިވަނީ މި ޚިދުމަތް ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ދޭން ފެށުމުން ނޮޅިވަރަމުގެ ރައްޔިތުންނަށް ދިމާވެފައިވާ ތަޣައްޔަރުވެފައިވާ ލޮނު ފެން ބޭނުންކުރުން މާޒީއާ އެކުވެދިޔައީ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ގާއިމް ކޮށްފައިވާ ފެންޕްލާންޓު ތަކުން އުފައްދާ ފެން ރައްކާކުރުމަށް 300 ޓަނުގެ ތާނގީއެއް ވަނީ ބަހައްޓައިފައެވެ. އޭގެ އިތުރުން 16.7 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް ވެސް ވަނީ ގާއިމް ކޮށްފައި ކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއުގެ މަސައްކަތް ފަށާފައި 2018 ވަނަ އަހަރު ނޮވެމްބަރު ފުރަތަމަ ދުވަހުއެވެ. މަސައްކަތްކަތް ނިމިފައި ވަނީ މިއަހަރުގެ ފެބުރުއަރީމަހު 7 ވަނަ ދުވަހުއެވެ.

މި މަޝްރޫގެ ދަށުން ގާއިމު ކޮށްފައިވާ 45 ޓަނުގެ 2 ޕްލާންޓުން ދުވާލަކު 90 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ ކަމަށް ވެސް ފެނަކައިން ވިދާޅުވެފައިވެއެވެ.

ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ޖުމްލަ 36,321,012.36 (ތިރީސް ހަ މިލިއަން ތިން ސަތޭކަ އެކާވީސް ހާސް ބާރަ ރުފިޔާ ތިރީސް ހަ ލާރި) ޚަރަދުކުރެވިފައިވެއެވެ.