އެކި މަރުޙަލާތަކަށް ބަހާލައިގެން އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލާ ޕްލާސްޓިކް ރާއްޖެއަށް ގެނައުން މަނާކުރުމަށް ދިވެހި ރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓުގެ ގާނޫނު އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

މި ބިލު ހުށައެޅުމުގެ މައިގަނޑު މަގްސަަކީ ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ވިޔަފާރިތަކަށް އަސަރުކޮށްފައިވާއިރު 2021 ގައި ގިނަ އަދަދެއްގެ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް އެކީ އެއްފަހަރާ ރާއްޖެއަށް އެތެރެކުރުން މަނާކުރުމުގެ ބަދަލުގައި، އެކި މަރުޙަލާތަކަށް ބަހާލައިގެން އެކި މުއްދަތުތަކުގައި ސިންގަލް-ޔޫސް ޕްލާސްޓިކް ދިވެހިރާއްޖެއަށް ގެނައުން މަނާކުރުމުގެ ފުރުޞަތު ދިނުމެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އެވެ. އިކްރާމް މި ބިލު ހުށައަޅުއްވަމުން ވިދާޅުވީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، އެ ގާނޫނަށް އެންމެ ފަހުން ގެނެވުނު އިސްލާހުތަކުގެ ތެރޭފގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، 1 ޖަނަވަރީ 2021 އިން ފެށިގެން ރާއްޖެއަށް ގެނައުން މަނާވާނެ ކަމުގައި ބަޔާންކޮށްފައިވުމުން އެ މާއްދާގެ ޢިބާރާތް އޮތްގޮތުން، އެ މާއްދާގެ ދަށުން ކަނޑައަޅަންޖެހޭ ލިސްޓު ކަނޑައެޅުމުގެ ފުރުޞަތު ލިބިދެނީ ހަމައެކަނި އެއްފަހަރު ކަމަށްވާ ކަމަށެވެ.